ކުޅިވަރު

ޔުނައިޓެޑް ބަދަލުވެއްޖެ، އެ ޓީމުގައި ތިބީ މޮޅެތި ކުޅުންތެރިން: ޓުޗެލް


ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ނުކުންނައިރު އެޓީމު އޮތީ ބަދަލުވެފައި ކަމަށާއި ޓީމުގައި ތިބީ ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންކަމަށް ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ ޔުނައިޓެޑާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން ޓުޗެލް ބުނީ އިދިކޮޅަށް ނުކުންނަ ޔުނައިޓެޑުގައި ފާހަގަކޮށްލެވޭ ކީ ޕްލެޔަރުންތަކެއް އެބަތިބި ކަމަށެވެ. އެގޮތުން ޔުނައިޓެޑުގެ ޕައުލް ޕޮގްބާއަކީ އޭނާއަށް މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް މިޑްފީލްޑަރު ކަމަށް ޓުޗެލް ބުންޏެވެ.

ޔުނައިޓެޑަކީ އަދިވެސް ޔޫރަޕުގެ ގަދަބާރެއް ކަމަށާއި އެޓީމުން ކުޅޭ އަވަސް ކުޅުން ޕީއެސްޖީން ހުއްޓުވަން ޖެހޭކަމަށް ޓުޗެލް ބުންޏެވެ. އޭނާ ބުނީ ޕީއެސްޖީ މެޗުގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅު ޕްރެޝަރެއް ދޭންޖެހޭ ކަމަށާއި ޔުނައިޓެޑުގެ ކައުންޓާ އެޓޭކްތަކަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެކަމަށެވެ.

އެންމެފަހުން މި ދެޓީމު ޕީއެސްޖީ ދަނޑުގައި 2019 ވަނަ އަހަރު ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.