ކުޅިވަރު

ރޮނާލްޑޯ ދޫކޮށްލުމަކީ މެޑްރިޑުން ހެދި ގޯހެއް: ޝަހުތަރު ކޯޗު


ކްރިސްޓިއާނޯ ރޮނާލްޑޯ ދޫކޮށްލުމަކީ ރެއާލް މެޑްރިޑުން ހެދި ބޮޑު ގޯހެއްކަމަށް ޝަހުތަރު ޑޮނެސްކްގެ ކޯޗު ލުއިސް ކާސްޓްރޯ ބުނެފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފުޓްބޯޅަ މުބާރާތުގައި މާދަމާ ރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން ޝަހުތަރު ޑޮނެސްކްގެ ކޯޗު ކާސްޓްރޯ ބުނީ މިދިޔަ ދެ ހަފްތާގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވުމުގެ ސަބަބުން ޓީމާ އެކަހެރިކޮށް 10 ކުޅުންތެރިން ތިބުމަށްފަހު މެޗުގެ ކުރިން ހެދި ޓެސްޓްތަކުން އެހުރީހާ ކުޅުންތެރިން ނެގެޓިވްވުމުން އެނބުރި ޓީމާ ގުޅިފައިވާކަމަށެވެ. އޭނާ ބުނީ މެޑްރިޑާ ވާދަކޮށް ހައިރާންކުރުވަނިވި ނަތީޖާއެއް ނެރުމުގެ ގާބިލުކަން އޭނާގެ ޓީމުގައި އެބަހުރިކަމަށެވެ. މެޗަށް ތައްޔާރުވުމުގައި ކުޅުންތެރިންގެ ދަތިކަން ޓީމަށް ވަރަށް ބޮޑުވި ކަމަށާއި އާދިއްތަ ދުވަހާ ހަމަޔަށް ކުޅުންތެރިންނަށް ވާނެގޮތެއް ނޭނގި މަޑުކުރަން ޖެހުނުކަމަށް ޝަހުތަރު ޑޮނެސްކްގެ ސްޕެއިން ކޯޗު ބުންޏެވެ.

އެންމެފަހުން ލީގުގައި ކާޑިޒުން މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުން ވަރަށް ރަނގަޅަށް ޑިފެންސް ކުރިކަމަށެވެ. އޭނާ ބުނީ މިއީ މެޑްރިޑާ ވާދަކުރަން އެންމެ ރަނގަޅު ވަގުތުކަމަށާއި އެޓީމުން ވަރުގަދަ ނަމަވެސް ހައިރާންކޮށްލާވަރު ނަތީޖާއެއް ޝަހުތަރުން ހޯދިދާނެކަމަށެވެ. އެޓީމުން މަސައްކަތް ކުރާނީ މެޑްރިޑު ކިތަންމެ ވަރުގަދަ ނަމަވެސް މެޗު ކާމިޔާބުކުރަން ކަމަށް ޝަހުތަރުގެ ކޯޗު ބުންޏެވެ.

އޭނާ ބުނީ ރޮނާލްޑޯ ކަހަލަ ކުޅުންތެރިޔަކު މެޑްރިޑުން ދޫކޮށްލުމުން ހައިރާންވި ކަމަށާއި ރޮނާލްޑޯއަކީ އަދިވެސް މޮޅު ކުޅުންތެރިއެއްކަމަށާއި އެއީ އެފަދަ ދެވަނައެއް ނެތް ކުޅުންތެރިއެއްކަމަށެވެ. މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފަވަނީ 2015 ވަނަ އަހަރު ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައެވެ.