ޚަބަރު

އައްޑޫ މާރާމާރީގައި އަނިޔާވި ޒުވާނާއަށް އައިސީޔޫގައި އަންނަނީ ފަރުވާދެމުން


އައްޑޫސިޓީ ހިތަދޫގައި ރޭ ހިނގި މާރާމާރީގައި ޒަޚަމްވި މީހާއަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ، ރޭ ދަންވަރު ހޮސްޕިޓަލަށް ގެންދިޔަ 22 އަހަރުގެ ޒުވާނާގެ ގައިގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ސީރިއަސް އަނިޔާތަކެއް ވެފައިވާކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރުވެސް، އޭނާގެ ވާއަތުގެ ބޮޑުވާ އިނގިއްޔާއި ޝަހާދަތް އިނގިލި ބުރިވެފައިވާ ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ. އޭއީއެޗް އިން ވިދާޅުވީ އޭނާގެ ފުރާނައަށް މިވަގުތު ނުރައްކަލެއް ނެތް ނަމަވެސް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

ހިތަދޫ ފްލެޓް ސަރަހައްދުގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީގައި އެކަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ، އައްޑޫސިޓީ ހިތަދޫގައި 2 ގްރޫޕެއް ދެމެދު ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލާފައިވާ މައްސަލައެއް ރޭ ދަންވަރު 12:28 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އޭނާއާއި ބެހޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.

މިމައްސަލަ ފުލުހުން ތަހުޤީގު ކުރަމުންދާއިރު، މިހާތަނަށް މިމައްސަލައިގައި މީހަކު ހައްޔަރު ކޮށްފައިނުވެއެވެ.

އައްޑޫގެ އިތުރުން މާލޭގައިވެސް ރޭ ތޫނު އެއްޗަކުން ލިބުނު ޒަޚަމަކާއެކު އޭޑީކޭ ހޮސްޕިޓަލަށް މީހަކު ފަރުވާ ހޯދަން ގޮސްފައިވާ ކަމަށް އޭޑީކޭއިން ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. ޒަޚަމްވި މީހާ ފުލުހުންނަށް މަޢުލޫމާތުދީފައިވާ ގޮތުން އޭނާއަށް އެޒަޚަމް ފާހަގަވެފައިވަނީ އަންހެނުންނާއެކު ސައިކަލްގައި ދުއްވަނިކޮށްކަމަށެވެ. އަދި އަންހެނުންގެ އަތްދަބަހުގައި ކަޓަރެއް އޮންނާނެ ކަމަށާއި، މިޒަޚަމަކީ އެކަޓަރުން ލިބިފައިވާ ޒަޚަމެއް ކަމަށް ބެލެވޭ ކަމަށް ޒަޚަމް ލިބުނު މީހާ ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވެފައެވެ.

މިމަޢުލޫމާތުގެ ސައްހަކަން އިތުރަށް ބެލުމަށް ކުރަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.