ކުޅިވަރު

އަހަރެމެންގެ ތަޖުރިބާ ބޭނުންކޮށްގެން މޮޅުވެވޭނެ: ކޮންޓޭ


ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި މިރޭ ޖަރުމަނުގެ ބޮރޫޝިއާ މުންޗެންގްލަޑްބެކް ދެކޮޅަށް އޭނާގެ ޓީމުގައި ތަޖުރިބާ އެބަހުރިކަމަށާއި މޮޅުވެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް އިންޓަ މިލާންގެ ކޯޗު އެންޓޯނިޔޯ ކޮންޓޭ ބުނެފިއެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލަވުމުގައި ވާހަކަދައްކަމުން ކޮންޓޭ ބުނީ ޓްރާންސްފާ މާކެޓުގައި ޓީމާ ގުޅުނު ކުޅުންތެރިންނާއެކު މިފަހަރު ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި އިންޓަ މިލާނުން ތަފާތު ދައްކާނެ ކަމަށެވެ. އޭނާ ބުނީ ޔޫރަޕުގެ މިފެންވަރުގެ މުބާރާތްތަކުގައި ވާދަކުރާއިރު ތަޖުރިބާއަކީ މުހިންމު އެއްޗެއް ކަމަށާއި މިދިޔަ ސީޒަނުގެ ޔުރޮޕާ ލީގުގެ ފައިނަލަށް ޓީމު ދަތުރުކުރުމުގެ ފައިދާ މިފަހަރު ފެންނާނެކަމަށެވެ.

ކޮންޓޭ ބުނީ އިންޓަ މިލާނަކީ ގުރޫޕްގެ ފޭވަރިޓުންނޭ ބުނަން ނޭންގެކަމަށާއި ސްޕެއިންގެ ޗެމްޕިއަން ރެއާލް މެޑްރިޑް އިންޓަ މިލާނަށް ވުރެ ހުރިހާ ގޮތަކުންވެސް ވަރުގަދަކަމަށެވެ. އެއީ 100 މިލިއަން ޕައުންޑުގެ ޓީމެއް ކަމަށާއި އެޓީމު ގްރޫޕުގައި އޮއްވާ އިންޓަ މިލާނަކީ ފޭވަރިޓުންނޭ ބުނެވޭނެ ޖާގައެއް ނެތްކަމަށް ކޮންޓޭ ބުންޏެވެ.