ކުޅިވަރު

މިއީ ވަރަށް މުހިންމު މޮޅެއް، އެކަމަކު މިއީ ދިގު ދަތުރެއް: ޕިއޯލީ


އިންޓަ މިލާން ބަލިކޮށް ލިބުނީ ވަރަށް މުހިންމު މޮޅެއްކަމަށާއި މިވަގުތު ތާވަލުގެ އެއްވަނައިގަ އޮތަސް މިއީ ދިގު ދަތުރެއްކަމަށް އޭސީ މިލާންގެ ކޯޗު ސްޓެފަނޯ ޕިއޯލީ ބުނެފިއެވެ.

އިޓާލިއަން ލީގުގައި އިންޓަމިލާން މައްޗަށް ހޯދި މޮޅަށްފަހު ވާހަކަ ދައްކަމުން ޕިއޯލީ ބުނީ ލީގުގައި މޮޅެއް ހޯދުނީ ވަރަށް ފެންވަރު ހުރި ޓީމެއް އަތުން ކަމަށާއި އެހެންކަމުން އެއީ ލިބުނު މުހިންމު މޮޅެއް ކަމަށެވެ. އޭނާ ބުނީ ހަތަރު މެޗުން މޮޅުވެ ހޯދި 12 ޕޮއިންޓާއެކު ތިބޭވަކަށް ނެތްކަމަށެވެ. ލީގުގައި ކުރިޔަށް މެޗުތައް ހުރުމުން މިވަގުތު އެއްވަނައިގަ އޮތަސް މިއީ ދިގު ދަތުރެއްކަމަށް ޕިއޯލީ ބުންޏެވެ.

ޕިއޯލީ ބުނީ އިތުރަށް ޓީމުން ރަނގަޅުކުރަންވީ ކަންކަން މިމެޗުގައި ވެސް ފާހަގަވިކަމަށެވެ. މި ސީޒަނުގައި ޔޫރޮޕާ ލީގުގައިވެސް ވާދަކުރާ ޓީމުގެ ކޯޗު ބުނީ މިހާރު ޓީމު މިއޮތް ފޯމުގައި ފޯކަސް ގެއްލުވާނުލާ ކުރިޔަށްދިޔުން މުހިންމުކަމަށެވެ. މިހާތަނަށް މި ސީޒަނުގައި ވާދަކުރި ކޮންމެ މެޗަކުން މޮޅެއް ހޯދުން އެއީ އެހާ ފަސޭހައިން ކުރެވުނު ކަމެއް ނޫންކަމަށާއި ޓީމުން މިހާތަނަށް ޓެކްނިކަލީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދައިފި ކަމަށެވެ.

ޓީމުގައި ރަނގަޅު މުސްތަގުބަލެއް އެބަ އޮތްކަމަށާއި ޓީމުން އަބަދުވެސް މަސައްކަތް ކުރާނީ މުސްތަގުބަލަށް ވިސްނައިގެން ކަމަށް މިދިޔަ ސީޒަނުގައި މަގާމާ ހަވާލުވި ކޯޗު ބުންޏެވެ. ލީގަށް ވާދަކުރަން ބޭނުންވާކަމުގައި ވަނީނަމަ ވަރުގަދަ ސްކޮޑެއް އޮންނަ ޖެހޭނެކަމަށް ވެސް ކޯޗު ވަނީ ބުނެފައެވެ. ޕިއޯލީ ބުނީ ލީގުގައި ވަރުގަދަ ހަތް ޓީމެއް މިފަހަރު ވާދަކުރާކަމަށެވެ. މިލާން އޮތީ ހަތަރު މެޗުން ހޯދި ހަތަރު މޮޅާއެކު 12 ޕޮއިންޓް ހޯދައިގެން ލީގު ތާވަލުގެ އެއްވަނައިގައެވެ.