ޚަބަރު

ނިއުޒީލެންޑްގެ މަޖިލީހަށް ދިވެހި ކަނބަލެއް


ނިއުޒީލެންޑްގެ ގާނޫނު ހަދާ މަޖިލީހަށް ދިވެހި އަންހެން ކަނބަލެއް އިންތިޚާބު ވެޑައިގެންފިއެވެ. އެ ޤައުމުގެ މަޖިލީހަށް ވާދަކުރައްވާ ގޮނޑި ކާމިޔާބުކުރެއްވި ދިވެހި ކަނބަލަކީ ޑރ. އައިޝާ ވެރޯލްއެވެ.

އެކަމަނާ އިންތިޙާބުގައި ވާދަކުރައްވާފައިވަނީ ނިއުޒީލޭންޑްގެ ބޮޑުވަޒީރުކަމަށް ދެވަނަ ދައުރަކަށް އިންތިޙާބުވެޑައިގެންނެވި ޖަސިންދާ އާޑެންގެ ލޭބާ ޕާޓީންނެވެ. ފުރަތަމަ ފަހަރަށް މަޖިލީހަށް ވާދަކުރައްވާ ޑރ އައިޝާ ކާމިޔާބުކުރެއްވީ އެކަމަނާ ދިރިއުޅުއްވާ ވެލިންޓަން ދާއިރާގެ ގޮނޑިއެވެ.

ޑރ އައިޝާ ވެރޯލްއަކީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ދެބެންގެ ދެ ދަރި ބޭކަނބަލެކެވެ. ދިވެހި މަންމައަކާއި ނިއުޒިލެންޑް ބައްޕައަކަށް އުފަން ޑރ އައިޝާގެ އަތުގައި ދެ ޤައުމުގެ ޕާސްޕޯޓްވެސް އޮވެއެވެ.

ސިއްހީ ދައިރާއިން ތައުލީމު ހާސިލކުރައްވާފައިވާ ޑރ އައިޝާ ވެރޯލް މަސައްކަތް ކުރައްވަމުން ގެންދަވަނީ ނިއުޒީލެންޑްގެ ވެލިންޓަން ހޮސްޕިޓަލްގެ ޑޮކްޓަރެއްގެ ގޮތުގައެވެ. ޑރ އައިޝާ ވަނީ އައިޖީއެމްއެޗްގައިވެސް މީގެކުރިން މަސައްކަތް ކުރައްވާފައެވެ.

ނިއުޒީލެންޑްގެ ޤާނޫނު ހަދާ މަޖިލީހުގެ 120 ގޮނޑީގެ ތެރެއިން 64 ގޮނޑިވަނީ ލޭބާ ޕާޓީއަށް ޔަޤީންވެފައެވެ. މިއީ 1996ވަނަ އަހަރުގެ ފަހުން އެއް ޕާޓީއަކުން ޤާނޫނު ހަދާ މަޖިލީހުގެ އެހާ ގިނަ ޢަދަދެއްގެ ގޮނޑި ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އިތުރު ޕާޓީއަކާއި އިއްތިހާދު ހެދުމެއް ނެތި ސަރުކާރު ޤާއިމުކުރުމުގެ ފުރުޞަތު ބޮޑުވަޒީރު ޖަސިންދާ އާޑެންގެ ލޭބާ ޕާޓީން މިވަނީ ހޯދާފައެވެ.