ޚަބަރު

ދެ ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވުމުން ރައިސް ނިއުޒިލެންޑްގެ ބޮޑުވަޒީރަށް މަރުހަބާ ވިދާޅުވެއްޖެ


ނިއުޒިލެންޑްގެ ބޮޑުވަޒީރު ޖެސިންޑާ އާޑަރން ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވުމާއި ގުޅިގެން އެކަމަނާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަރުހަބާ ވިދާޅުވެއްޖެއެވެ.

މިކަމާގުޅިގެން ކުރެއްވި ތަހުނިޔާގެ ޓުވީޓުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖެއާ ނިއުޒިލެންޑް ޖިއޮގްރަފީގޮތުން ކިތަންމެ ދުރުގައިއޮތްނަމަވެސް އެޤައުމަކީ ރާއްޖެއާ ވަރަށްގާތް ރަހްމަތްތެރި ޤައުމެއްކަމަށެވެ.

އަދި ކުރިއަތްއޮތްތަނުގައިވެސް ދެ ޤައުމުން އިސްކަންދޭ މުހިއްމުކަންކަމާ ގުޅޭގޮތުން ރާއްޖެއިން އެ ޤައުމުގެ ސަރުކާރާއެކު މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނިއުޒީލެންޑުގެ އާންމު އިންތިޚާބުގެ 90 ޕަސެންޓު ވޯޓު މިހާތަނަށް ގުނާފައިވާ އިރު، އާޑާންގެ ލޭބާ ޕާޓީން ވަނީ 49 ޕަސެންޓު ވޯޓު ކާމިޔާބުކޮށްފަ އެވެ. އެހެންކަމުން 120 މެމްބަރުން ތިއްބަވާ ޕާލިމެންޓުން ލޭބަރޕާޓީއަށް 64 ގޮނޑި ލިބޭނެ ކަމަށްވަނީ ބެލެވިފައެވެ.

ސަރުކާރެއް އެކުލަވާލުމަށް ޤާނޫނު ހަދާ މަޖިލީހުގެ 120 ގޮޑީގެ ތެރެއިން 61 ގޮނޑި ކާމިޔާބުކުރަންޖެހޭ ގޮތަށް ނިއުޒީލެންޑުގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށްފައިވަނީ 1996ވަނަ އަހަރުގައެވެ. އެއީ ވޯޓުގެ ގާތްގަނޑަކަށް 48 އިންސައްތައެވެ. މި އިންތިޚާބު ލޭބަރ ޕާޓީއަށް ކާމިޔާބުވެއްޖެނަމަ، ނިއުޒިލެންޑުގައި މިހާރު އޮތް ސިޔާސީ ނިޒާމު 1996ވަނަ އަހަރު ތަޢާރަފު ކުރިއްސުރިފަހުން އާންމު އިންތިހާބެއްގައި ސިޔާސީ ޕާޓީއަކަށް އެހާ ބޮޑު ތާއިދެއް ފުރަތަމަ ޕާޓީއަކަށް ލޭބަރ ޕާޓީ ވާނެއެވެ.