ދުނިޔޭގެ ވިޔަފާރި

އެމެރިކާގެ ބަޖެޓް ޑެފިސިޓް ރެކޯޑް މިންވަރަކަށް އިތުރުވެއްޖެ


އެމެރިކާގެ ފެޑަަރަލް ސަރުކާރުގެ ބަޖެޓް ޑެފިސިޓް ތިން ޓްރިލިއަން ޑޮލަރަށްވުރެ އިތުރުވެފައިވާކަމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުން މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ކުރިއަށްދިޔަ މާލީ އަހަރުގެ ބަޖެޓް ޑެފިސިޓް އުޅެނީ 3.1 ޓްރިލިއަން ޑޮލަރުގައެވެ.

އެމެރިކާގެ މިއަހަރުގެ ބަޖެޓް ޑެފިސިޓް 3.1 ޓްރިލިއަން ޑޮލަރަށް އަރާފައިވާއިރު، މިދިޔަ އަހަރުގެ ބަޖެޓް ޑެފިސިޓް އުޅުނީ 984 ބިލިއަން ޑޮލަރުގައެވެ. އެހެންކަމުން މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ބަޖެޓް ޑެފިސިޓް ވަނީ 3 ގުނަ ބޮޑުވެފައެވެ. އަދި މިއީ މިއަހަރު ބަޖެޓް ޑެފިސިޓް ހުންނާނެކަމަށް ފެބްރުއަރީމަހު ލަފާކުރީ އަދަދަށްވުރެ 2 ޓްރިލިއަން ޑޮލަރު އިތުރު އަދަދެކެވެ. މީގެކުރިން އެމެރިކާ ބަޖެޓް ޑެފިސިޓް އެންމެ ބޮޑުވެފައިވަނީ 2009 ވަނަ އަހަރުގެ އިޤްތިޞާދީ ހީނަރުކަމުގައެވެ. އެއަހަރު ބަޖެޓް ޑެފިސިޓް ހުރީ 1.4 ޓްރިލިއަން ޑޮލަރުގައެވެ.

އެމެރިކާގެ ބަޖެޓް ޑެފިސިޓް މިހާ ބޮޑަށް އިތުރުވެފައިވަނީ ކޯވިޑްއާ ގުޅިގެން ދައުލަތުގެ އާމްދަނީ އެތައް ގުނައެއް ދަށްވެ، ޚަރަދުތައް ވަރަށް ބޮޑަށް އިތުރުވުމުންނެވެ. އެގޮތުން މާލީ އަހަރުގެ އާމްދަނީ ވަނީ މިދިޔަ އަހަރާ އަޅާބާލާއިރު 1.2 އިންސައްތަ ދަށްވެފައެވެ. އަދި ޚަރަދުތައް ވަނީ 47.3 އިންސައްތަ އިތުރުވެފައެވެ.