ކުޅިވަރު

ޕްރިމިއަރ ލީގު: ސްޓާލިންގެ ލަނޑުން އާސެނަލްގެ މައްޗަށް ސިޓީ ކުރި ހޯދައިފި


އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ސިޓީން އާސެނަލްގެ މައްޗަށް ކުރި ހޯދައިފިއެވެ.

ސިޓީގެ ދަނޑު ކުޅުނު މި މެޗު ނިމުނީ 0-1 ގެ ނަތީޖާއަކުންނެވެ.

އާސެނަލާ ދެކޮޅަށް ނުކުތްއިރު ސިޓީ އަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ ސަބަބުން އެންމެ މުހިއްމު އެއް ކުޅުންތެރިޔާ، ކެވިން ޑި ބްރޭނާއަށް މި މެޗުގައި ނުކުޅެވުމެވެ. އެކަމަކު އަނިޔާގައި ހަތަރު މަސް ހޭދަކުރުމަށް ފަހު ސާޖިއޯ އަގުއޭރޯ މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ.

މި މެޗުގައި ސިޓީގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ސްޓާލިންއެވެ. ފިލް ފޯޑެން ފޮނުވާލި ބޯޅަ އާސެނަލްގެ ގޯލްކީޕަރުގެ އަތުގައި ޖެހިފައި ނުކުތް ވަގުތު ސްޓާލިން ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ވައްދާލާފައެވެ. މެޗުގައި އާސެނަލުން ފޮނުވާލި ނުރައްކާތެރި ބައެއް ހަމަލާތައް ހުއްޓުވުމުގައި ސިޓީގެ ގޯލްކީޕަރު އެޑަސަން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. މެޗުގެ ދެ ވަނަ ހާފުގައި ސިޓީ އަށް ވަނީ ލަނޑު ޖަހާނެ އިތުރު ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.

މިއީ ލީގުގައި ޖެހިޖެހިގެން ސިޓީ އަތުން އާސެނަލް ބަލިވި ހަތް ވަނަ މެޗެވެ. މީގެ ކުރިން އެއް ޓީމަކާ ދެކޮޅަށް އާސެނަލުން މިހާ ދަށް ނަތީޖާތަކެއް ނެރުނީ 1977 ވަނަ އަހަރު އިޕްސްވިޗްއާ ދެކޮޅަށެވެ. އިޕްސްވިޗް އަތުން ވެސް އެދުވަސްވަރު ލީގުގައި އާސެނަލް ވަނީ ހަތް މެޗުން ބަލިވެފަ އެވެ.

ޕްރިމިއަރ ލީގުގައި މިހާތަނަށް މެންޗެސްޓަރ ސިޓީ ހަތަރު މެޗު ކުޅެފައިވާއިރު އެޓީމު މޮޅުވެފައިވަނީ ދެ މެޗުންނެވެ. އަދި އެއް މެޗުން އެއްވަރުވިއިރު ބަލިވެފައިވަނީ ލެސްޓާ ސިޓީ އަތުންނެވެ. މި މެޗުން ބަލިވި އާސެނަލް ވަނީ ލީގުގައި މިހާތަނަށް 5 މެޗު ކުޅެފައެވެ. މި 5 މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށްފައިވާއިރު އާސެނަލް ބަލިވީ 2 މެޗުންނެވެ.

މި ނަތީޖާއާއެކު މެންޗެސްޓަރ ސިޓީ ލީގުގައި މިހާތަނަށް ކުޅުނު 4 މެޗުން ހޯދި 7 ޕޮއިންޓާއެކު އެޓީމު އޮތީ ލީގު ތާވަލްގެ 10 ވަނައިގައެވެ. މެޗުން ބަލިވި އާސެނަލަށް 5 މެޗުން ލިބުނު 9 ޕޮއިންޓާއެކު އެޓީމު އޮތީ 5 ވަނައިގައެވެ.