ވިޔަފާރި

އައްޑޫން ފަތުރުވެރިކަމަށް ދޫކުރާ 96 ބިން ބީލަމަށް ހުޅުވާލައިފި


އައްޑޫގައި އިކޯ ޓުއަރިޒަމް ތަރައްޤީ ކުރުމުގެ ގޮތުން ގެސްޓް ހައުސް ވިޔަފާރިއަށް އެކި އަވަށްތަކުން ދޫކުރަން ކަނޑައެޅި 96 ބިން ދެވަނަ ފަހަރަށް ބީލަމަށް ލައިފިއެވެ.

ދެވަނަ ފަހަރަށް ހުޅުވާލި ފުރުސަތުގައި ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރުމުގެ ފުރުސަތު މިމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 10:00 ޖެހުމާއި ހަމައަށް ވަނީ ދީފައެވެ. އަދި ޕްރީ ބިޑް މީޓިން 29 ވަނަ ދުވަހު ބާއްވާނެއެވެ. ބީލަން ހުށަހެޅުމަށް ހަމަ ޖެހިފައި ވަނީ މިއަހަރުގެ ޑިސެމްބަރު 14 އާއި 17 ދެމެދުގައެވެ.

އައްޑޫސިޓީ ކައުންސިލުން ވިދާޅުވީ ދެވަނަ ފަހަރަށް ބީލަން ހުށަހެޅުމަށް އިއުލާން ކުރީ، ފުރަތަމަ ކުރި އިއުލާނާއި ގުޅިގެން ހުށަހެޅި ބިޑްތަށް ބާތިލް ކުރުމަށް ފަހުގައިކަމަށެވެ. މިދިޔަ އަހަރު ނޮވެމްބަރު މަހުގައި ފުރަތަމަ ކުރި އިއުލާނާއި އެކު 80 ބިމެއް ބީލަމަށް ހުޅުވާލިއެވެ. އެފަހަރު 60 އަށް ވުރެ ގިނަ ފަރާތްތަކުން ކުރިމަތިލި ކަމަށާއި، އެފަރާތްތަކަށްވެސް އަލުން ބީލަން ހުށައެޅުމަށް އަންގަވާފައިވާ ކަމުގައި އައްޑޫ ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫއުގެ ތެރެއިން ގެސްޓް ހައުސް އަދި ސިޓީ ހޮޓެލް ތަރައްޤީ ކުރުމަށް ހިނގާ މިމަޝްރޫގެ ދަށުން 96 ބިމުގައި 4000 އެނދު ޤާއިމު ކުރުމަށް ވަނީ ހަމަ ޖެހިފައެވެ.

ޓޫރިޒަމަށް އައްޑޫސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ބިންތަށް ގިންތި ކޮށްފައި ވަނީ 5 ބަޔަކަށެވެ. އޭކެޓަގަރީގެ ބިންތަކަކީ 10000 އަކަފޫޓޫގެ ބިންތަކެވެ. މިތަންތަނުގައި 60 ކޮޓަރީގެ ގެސްޓް ހައުސް ނުވަތަ ސިޓީ ހޮޓާ ހިންގޭނެއެވެ. ބީ ކެޓަގަރީގެ 7000 އަކަފޫޓުގައި 35 ކޮޓަރި ހިމެނެއެވެ. ސީ ކެޓަގަރީގެ 5000 އަކަފޫޓުގައި 25 ކޮޓަރި ހިމެނޭއިރު، ޑީ ކެޓަގަރީގެ 3000 އަކަފޫޓުގައި 15 ކޮޓަރި ހިމެނެއެވެ. އެންމެ ކުދި ބިންތަކުގެ ގޮތުގައި ހުޅުވާލެވިފައިވަނީ 2400 އަކަފޫޓުގައި 10 ކޮޓަރީގެ ގެސްޓު ހައުސް އެޅުމަށް ހަމަޖެހިފައިވާ ބިންތަކެވެ.

އެންމެ ގިނަ ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ހިތަދޫއިންނެވެ. ހިތަދޫ މާމެން ބީޗް ޓޫރިޒަމް ޒޯނުން 30 ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ހުޅުދޫ ކޭވައް ބީޗް މާފިޝި ޓޫރިޒަމް ޒޯނުން 25 ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީދޫ ކޯގަންނު ބީޗް މުލިމަތި ޓޫރިޒަމް ޒޯނުން 16 ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ފޭދޫ ސަވާ ބީޗް ދިގިހެރަ ޓޫރިޒަމް ޒޯނުން 24 ބިން ދޫކުރަން ވަނީ ނިންމާފައެވެ. މަރަދޫ އަވަށުން ދޫކުރުމަށް ހަމަޖެހިފައި ވަނީ 10000 އަކަފޫޓުގެ އެންމެ ބިމެކެވެ.

އިންޑިއާގެ އެހީތެރިކަމާއި އެކު ކުރިއަށް ގެންދިިއުމަށް ހަމަޖެހިފައިވާ މިސަރަހައްދުތަކުގެ ލޭންޑްސްކޭޕް މަސައްކަތް އައްޑޫސިޓީ ކައުންސިލުން ވަނީ ކުންފުނިތަކާއި ހަވާލުކޮށްފައެވެ.