ދުނިޔޭގެ ވިޔަފާރި

ޕާކިސްތާނުގައިވެސް ޓިކްޓޮކް މަނާކޮށްފި

އާންމު އިޖުތިމާޢީ މިންގަނޑާ ޚިލާފު މަންޒަރުތައް އާއްމުވާކަމަށް ބުނެ، ޕާކިސްތާނުގައި ޓިކްޓޮކް ބޭނުންކުރުން މަނާކޮށްފިއެވެ.

ޕާކިސްތާން ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ، ޕީޓީއޭއިން ވަނީ އާންމު އިޖުތިމާޢީ މިންގަނޑާ ޚިލާފުވާފަދަ ވީޑިއޯތައް ޓިކްޓޮކްގައި ހުރެގެން މިކަމުގެ ގިނަ ޝަކުވާތަކެއް އެ އޮތޯރިޓީއަށް ލިބިފައިވާކަމަށެވެ. އަދި މި މައްސަލައަށް ހައްލެއް ހޯދުމަށް އެކި ފަހަރުމަތިން މަސައްކަތް ކޮށްފައިވާކަމަށް ޕީޓީއޭއިން ބުނެއެވެ. އެގޮތުން ޕީޓީއޭއިން މިދިޔަ ޖުލައިމަހު ވަނީ އާންމު އިޖުތިމާޢީ މިންގަނޑާ ޚިލާފުވާ ބައެއް ވީޑިއޯތައް ޓިކްޓޮކްގައި ހުރިކަން ފާހަގަކޮށް، އެކަން ރަނގަޅު ނުކޮށްފިނަމަ ޕާކިސްތާނުގައި މި އެޕް މަނާކުރާނެކަމުގެ އިންޒާރު ދީފައެވެ.

ޕާކިސްތާން ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ، ޕީޓީއޭއިން ބުނީ ޓިކްޓޮކް މަނާކުރުމަށް ނިންމީ، އެންމެ ފަހުގެ އިންޒާރު ދިނުމުންވެސް މައްސަލަ ހައްލު ނުވުމުންކަމަށެވެ.

ޕާކިސްތާނުގެ މި ނިންމުމުގެ ސަބަބުން ޕާކިސްތާނުގައި އެންޑްރޮއިޑް އާއި އައިއޯއެސް ސްޓޯރތަކުންވެސް ޓިކްޓޮކް މިހާރު ޑައުންލޯޑެއް ނުކުރެވޭނެއެވެ. ޕާކިސްތާނުން އާންމު އިޖުތިމާޢީ މިންގަނޑާ ޚިލާފުވާކަމަށް ބުނެ، މިއަހަރުގެ ތެރޭގައި ޑޭޓިންގް އެޕް ޓިންޑަރވެސް ވަނީ މަނާކޮށްފައެވެ.

އާންމު އިޖުތިމާޢީ މިންގަނޑާ ޚިލާފުވެ ޕާކިސްތާނުގައިވެސް ޓިކްޓޮކް ބޭނުންކުރުން މަނާކޮށްފައިވާއިރު، އަވަށްޓެރި އިންޑިއާގައިވެސް މި އެޕް ވަނީ މަނާކޮށްފައެވެ. އިންޑިއާއިން މި ފިޔަވަޅު އަޅާފައިވަނީ ޗައިނާގެ މިފަދަ އެޕްތަކުގެ ސަބަބުން އެޤައުމުގެ ޤައުމީ ސަލާމަތަށް ނުރައްކާތަކެއް ކުރިމަތިވެދާނެކަމަށް ބުނެއެވެ.

ޕާކިސްތާނާއި އިންޑިއާގެ އިތުރުން އެމެރިކާގައި ޓިކްޓޮކް ހިންގުމަށްވެސް ޓިކްޓޮކްގެ ބެލެނިވެރި ކުންފުނި ބައިޓް ޑާންސްއަށް ވަނީ ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ. އެގޮތުން އިންޑިއާއެކޭ އެއްގޮތަށް އެމެރިކާއިންވެސް ވަނީ ޗައިނާގެ މިފަދަ އެޕްތަކުން ޤައުމީ ސަލާމަތަށް ނުރައްކާތަކެއް ކުރިމަތިވެދާނެކަމަށް ބުނެފައެވެ. މި ސަބަބަށްޓަކައި ޓިކްޓޮކްގެ އެމެރިކާގެ އޮަޕަރޭޝަން އެމެރިކާގެ އޮރެކަލް ކުންފުންޏަށް ބަދަލުކުރުމަށް އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.