ކުޅިވަރު

ލިވަޕޫލްގެ ފޯވާޑް ޝަގީރީ ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ


ލިވަޕޫލްގެ ފޯވާޑް ޒެރްޑަން ޝަގީރީ ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިއީ ކޯވިޑް-19 އަށް ޕޮޒިޓިވްވި ލިވަޕޫލްގެ ތިންވަނަ ކުޅުންތެރިޔާއެވެ. މީގެކުރިން ލިވަޕޫލްގެ ތިއާގޯ އަލްކަންޓާރާ އަދި ސާދިއޯ މާނޭވެސް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

މި ތިން ކުޅުންތެރިންވެސް މިހާރު ތިބީ އައިސޮލޭޝަންގައެވެ. އަދި ލިވަޕޫލުން ތިން ކުޅުންތެރިން ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެކްލަބުގައި މިވައިރަސް އިތުރަށް ފެތުރެމުންދާކަމުގެ ބިރު މިވަނީ ހީވެފައެވެ. ކްލަބުގެ ގިނަ ކުޅުންތެރިން މިހާރުވެސްވަނީ އިންޓަރނޭޝަނަލް ބްރޭކުގައި ޤައުމީ ޓީމުގައި ބައިވެރިވުމަށް އެކުޅުންތެރިންގެ އަމިއްލަ ޤައުމަށް ދަތުރުކޮށްފައެވެ.

އިނގިރޭސިވިލާތުގައި ކޯވިޑް-19 ގެ ދެވަނަ ރާޅެއް އުފެދިދާނެކަމުގެ ބިރު މިހާރުވެސް ހީވެފައިވާއިރު، 28 ސެޕްޓެމްބަރުން 4 އޮކްޓޯބަރަށް ކުޅުންތެރިންނާއި ސްޓާފުން ހިމެނޭގޮތަށް ކޯވިޑްގެ 1587 ޕޮޒިޓިވް ކޭސް ފެނިފައިވާކަމަށް ޕްރިމިއާ ލީގުން މިދިޔަ ހޯމަ ދުވަހުވަނީ ހާމަކޮށްފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން ދެން މެޗެއް ކުޅޭނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ހަވީރު ލިވަޕޫލް ނުކުންނާނީ ޑާބީ މެޗުގައި ވާދަވެރި އެވަޓަންއާ ދެކޮޅަށެވެ.