ކުޅިވަރު

އާސެނަލްގެ މެސްކޮޓަށް އޮޒިލް މުސާރަ ދެނީ


އާސެނަލްގެ މެސްކޮޓް ތަމްސީލް ކުރާ، ޖެރީ ކައިއަށް މުސާރަ ދޭން އެ ޓީމުގެ މިޑްފީލްޑާ މެސްޓް އޮޒިލް ތައްޔާރަށް ހުރިކަމަށް އޭނާ ބުނެފިއެވެ.

ގަނަސޯރަސްގެ ނަމުން ނަން ދީފައިވާ އާސެނަލްގެ މެސްކޮޓް ތަމްސީލު ކުރުމުގައި ކައި ވަނީ 27 އަހަރު ހޭދަކޮށްފައެވެ. އާސެނަލްގެ ކުރީގެ ސްޓޭޑިއަމް ހައިބަރީ އިން ފެށިގެން އެމިރޭޓްސްއާ ހަމައަށް ގަނަސޯރަސް ތަމްސީލު ކުރުމުގެ މަސައްކަތަށް ކައި ދިޔައީ އާސެނަލްގެ އެހެން ވަޒީފާތައް ވެސް ފުރިހަމަ ކުރަމުންނެވެ.

ކޯވިޑް-19 ގެ ހާލަތުގައި ކުރިމަތިވި މާލީ ދަތިކަމުގެ ތެރެއިން އޭނާގެ މުސާރަ ވެސް ދަށް ކުރުމުން، އޮޒިލް ވަނީ ކައިއަށް ހަމަ މުސާރަ ދިނުމަށް ހުށަހަޅާފައެވެ. ކައިގެ މުސާރަ ދަށް ކުރުމަށް އާސެނަލްއިން ހުށަހެޅީ އެތުލެޓިކޯ މެޑްރިޑުން އާސެނަލްއަށް ބަދަލުވި ތޯމަސް ޕާޓޭގެ ޓްރާންސްފާއަށް 45 މިލިއަން ޔޫރޯ ހޭދަ ކުރިތާ އެއް ދުވަސް ފަހުންނެވެ.

އާސެނަލްއަށް ޕާޓޭ ބަދަލުވީ، މުސާރައިގެ ގޮތުގައި ހަފުތާއަކު ދެ ލައްކަ ތިރީސްހާސް ޕައުންޑަށެވެ. މިކޭލް އާޓެޓާގެ ޓީމުން ފުރުސަތު ހޯދުމުގައި މިހާރު އުނދަގޫ ކުރިމަތިވެފައިވާ އޮޒިލްއަށް ހަފުތާއަކު ތިން ލައްކަ ފަންސާސްހާސް ޕައުންޑް އާސެނަލްއިން ދެއެވެ.

އޯގަސްޓް މަހު އާސެނަލްއިން އިޢުލާން ކުރީ އެ ޓީމުގެ ފުލް ޓައިމް މުވައްޒަފުންގެ މުސާރައިގެ 55 ޕަސަންޓް އުނި ކުރުމަށެވެ.