ކުޅިވަރު

އެއްވަނައާ ދުރަށް ދެވިއްޖެ، މެޗުތަކުން މޮޅުވާން ޖެހޭ: ގާޑިއޯލާ


އިނގިރޭސި ޕްރިމިއަރ ލީގުގެ އެއްވަނައާ ދުރަށް ދެވިއްޖެކަމަށާއި ލީގު ކާމިޔާބުކުރަން ބޭނުންނަމަ މެޗުތަކުން މޮޅުވާން ޖެހޭކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ލީގުގައި އެންމެ ފަހުން ލީޑްސް ޔުނައިޓެޑާ ވާދަކޮށް އެއްވަރުވި މެޗަށްފަހު ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ލީގުގެ ފުރަތަމަ ކޮޅުގައި ޕޮއިންޓުތައް ގެއްލޭކަމަށް ވާނަމަ ލީގު ހޯދުމުގައި ފަހުން ހުރަސްތަކާ ކުރިމަތިލާން ޖެހިދާނެކަމަށެވެ. އޭނާ ބުނީ ޗެމްޕިއަންސް ލީގު ފެށުމާއެކު މުބާރާތުގައި ވާދަކުރާ ޓީމުތަކަށް މިހާލަތު ކުރިމަތިވާނެކަމަށާއި މިއީ ދުވުމުގެ މެރެތަން ރޭހެއްފަދަ ކަމެއްކަމަށެވެ.

ކުރިން ދެ ފަހަރެއްގެ މަތިން ސިޓީއަށް ލީގު ހޯދައިދިން ކޯޗު ބުނީ ލީޑްސް އާއި އެއްވަރުވި މެޗުގައި ފެނިގެންދިޔައީ ބަލާހިތްވާ ކަހަލަ ފުޓްބޯޅައެއް ކުޅެވުނު މެޗެއް ކަމަށެވެ. ގާޑިއޯލާ ބުނީ އޭނާއަށް ލީޑްސް ޔުނައިޓެޑްގެ ފަރާތުން ފެނުނު އެންމެ ގަޔާވާކަމަކީ މޮޅުވާން ކުޅުންތެރިން ކުރި މަސައްކަތް ކަމަށާއި ލީޑްސް ފަރާތުން މޮޅުކުޅުމެއް މެޗުގައި ފެނިގެން ދިޔަކަމަށެވެ.

މި ނަތީޖާ އެކު ލީގުގައި މިހާތަނަށް ކުޅުނު 3 މެޗުން ހޯދި 4 ޕޮއިންޓާއެކު ސިޓީ އޮތީ ތާވަލްގެ 14 ވަނައިގައެވެ.