ޚަބަރު

އައްޑޫ މަގު ހެދުމުގެ މަޝްރުއަށް ބޭނުންވާ ސާމާނު އެސިޓީއަށް ގެންގޮސްފި


އައްޑޫ ސިޓީގެ 18 މަގެއްގައި ތާރު އަޅައި ބައެއް މަގުތައް އަލުން މަރާމާތުކޮށް ރަނގަޅުކުރުމަށް ބޭނުންވާ ސާމާނާއި މެޝިނަރީޒް އެސިޓީއަށް ގެންގޮސްފިއެވެ.

މިމަޝްރޫޢުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ ޖީކޭ ޑިވޮލަޕްމެންޓްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫއުގެ ދަށުން ސިޓީގެ 18 މަގެއްގައި ތާރު އެޅުމުގެ އިތުރުން ނަރުދަމާގެ މަސައްކަތް ކުރުމަށް ކޮނެފައިވާ މަރަދޫ، މަރަދޫ-ފޭދޫ، ފޭދޫގެ ބޮޑުމަގު އަލުން އެއްވަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިއީ ސްރީ ލަންކާ ސަރުކާރުގެ އެހީގައި މީގެ ކުރީން ތާރު އަޅާފައިވާ މަގުތަކެވެ.

މި މަސައްކަތަށް ބޭނުންވާ ސާމާނު ބާލާފައިވަނީ ހިތަދޫ ބަނދަރަށެވެ. މި މަޝްރޫއަށް ބޭނުންވާ ބައެއް ސާމާނު މިއަހަރުގެ ކުރީކޮޅުވެސް ވަނީ އެސީޓިއަށް ގެންގޮސްފައެވެ.

އައްޑޫސިޓީ ކައުންސިލުން ވިދާޅުވީ، މިމަޝްރޫއު ފެށުމަށް މިހާރުވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށެވެ. އަދި ކުރިއަށް އޮތް މަހުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މިމަޝްރޫއުގެ ތެރެއިން ފުރަތަމަ ފަށާނީ ފޭދޫ، މަރަދޫ-ފޭދޫ އަދި މަރަދޫގެ ބޮޑުމަގު އެއްވަރުކުރުމުގެމަސައްކަތް ކަމަށް ކައުންސިލުން ވިދާޅުވެއެވެ.

އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އިންޑިއާގެ ޖީކޭ ޑިވެލެޕްމެންޓާ ހަވާލު ކޮށްފައިވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 23ވަނަ ދުވަހުއެވެ. މިމަޝްރޫޢުއަށް 134 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރުން ޚަރަދު ކުރެއެވެ.

މިނޫނަސް އައްޑޫ ސިޓީގައި ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް އަންނަނީ ހިގަމުންނެވެ. މިގޮތުން 65 މަޝްރޫއެއްގެ މަސައްކަތް އެ ސިޓީގައި ކުރިއަށްއެބަދެއެވެ. މީގެއިތުރުން އައްޑޫގައި 25 ކިލޯމީޓަރުގެ މަގު ހެދުމާއި 228 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިމަޝްރޫއުގެ މަސައްކަތްވެސް ފެށުމަށް ތައްޔާރުވަމުންދާކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.