ޚަބަރު

ހުޅުމާލެ ފޭސް 2ގެ ފުރަތަމަ ސްކޫލް، "ޞަލާހުއްދީން ސްކޫލް" އިމާރާތްކޮށްދޭނެ ބަޔަކު ހޯދަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ ފުރަތަމަ ސްކޫލް "ޞަލާހުއްދީން ސްކޫލް"ގެ ޢަމަލީ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން މިހާރު ވަނީ މިކަމަށް ބޭނުންވާ ފަރާތްތަކުން ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

މި މަސައްކަތަށް ބީލަން ހުށައެޅޭނީ ޕްލޭނިންގ މިނިސްޓްރީން ކަނޑައަޅާފައިވާ "އިމާރަތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު"ގައި ވާގޮތަށް ރެޖިސްޓްރީވެފައިވާ ކުންފުނިތަކަށެވެ.

ބީލަމުގައ ބައިވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރެޖިސްޓަރވުމަށް ބޭނުންވާ މަޢުލޫމާތު ފިނޭނެސް މިނިސްޓްރީއަށް މެއިލްކުރުމަށް ވަނީ އެދިފައެވެ. ބީލަމާއި ގުޅޭ އެންމެހައި މަޢުލޫމާތުތައް ފިނޭސް މިނިސްޓްރީގެ ވެބްސައިޓުން ލިބެންހުންނާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި އެއްވެސް އިތުރު މަޢޫލުމާތެއް އޮޅުންފިލުވަން ބޭނުންވާނަމަ 8 އޮކްޓޯބަރުގެ ކުރިން އެ އިދާރާއަށް މެއިލްކުރުމަށް ވަނީ އެދިފައެވެ.

މި ޕްރޮޖެކްޓަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 7 ލައްކަ ފަންސާސްހާސް ރުފިޔާ ހުށައަޅަންޖެހެއެވެ. ބީލަމަށް ހުޅުވާލުން އޮންނާނީ އަންނަމަހުގެ 21ވަނަ ދުވަހުއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 4 ސްކޫލު އެޅުމަށް މިހާތަނަށް ނިންމާފައިވާއިރު، ސަލާހުއްދީން ސްކޫލާއިއެކު އިތުރު ދެ ސްކޫލެއްގެ މަސައްކަތްވެސް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އެޗްޑީސީން ވިދާޅުވެފައި ވަނީ ހުޅުމާޅޭ ދެވަނަ ފިޔަވަހީގައި ބޭރު ފަރާތަކުން ތަރައްޤީކުރާ އިންޓަރނޭޝަނަލް ސްކޫލެއްވެސް ހުންނާނެކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން އާބާދުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެ ސަރަހާއްދަށް ބޭނުންވާ އަސާާސީ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.