ދުނިޔޭގެ ވިޔަފާރި

ފުރުމުގެ ކުރިން ހުރިހާ ފަސިންޖަރުން ކޯވިޑްއަށް ޓެސްޓްކުރަން އަޔާޓާއިން ގޮވާލައިފި


އިންޓަނޭޝަނަލް ހުރިހާ ފްލައިޓަކުން ދަތުރުކުރާ ޕަސިންޖަރުން ފުރުމުގެ ކުރިން ކޯވިޑްއަށް ޓެސްޓްކުރުމަށް ބައިނަލްއަޤްވާމީ ވައިގެ އުދުހުންތަކާބެހޭ ޖަމުޢިއްޔާ، އަޔާޓާއިން ގޮވާލައިފިއެވެ.

އޮންލައިންކޮށް ބޭއްވި މީޑިއާ ބްރީފިންގއެއްގައި ވާހަކަދައްކަވަމުން އިންޓަނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން، އަޔާޓާގެ ޑިރެކްޓަރ ޖެނެރަލް އެލެކްސެންޑަރ ޑި ޖުނިއަކް ވިދާޅުވީ، ފަސިންޖަރުން ކޯވިޑްއަށް ޓެސްޓްކުރުމަށްފަހު އަވަހަށް ނަތީޖާ ލިބޭ އެންޓިޖެން ޓެސްޓްތައް ހެދޭނެ އިންތިޒާމްތައް ވީ އެންމެ އަވަހަށް ހަމަޖައްސަންޖެހޭކަމަށެވެ. އަދި މިކަމުގެ ސަބަބުން ފަސިންޖަރުން ކަރަންޓީންވާ އޮންނަ އޮތުން ނިމުމަކަށް އައިސް، ވައިގެ ދަތުރުފަތުރަށް އޮންނަ ޑިމާންޑް އަނެއްކާވެސް އިތުރުވެގެންދާނޭކަމަށް އަޔާޓާގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ.

އަޔާޓާގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވީ އަވަހަށް ނަތީޖާ ލިބޭ ޓެސްޓުތަކަކީ މިވަގުތު ވައިގެ އުދުހުމުގެ ސިނާއަތް އަނެއްކާވެސް ކޮޅަށް ޖެހުމަށް އޮތް ހަމައެކަނި ހައްލުކަމަށެވެ. އަދި މިކަމަށް އެއަރލައިންތަކުން ބާރު އަޅައިފިނަމަ، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަނުންވެސް އެކަމަށް ރުުހުންދޭނެކަމަށް އަޔާޓާގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ.

ކޯވިޑްއާ ގުޅިގެން ޤައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ވައިގެ އުދުހުމުގެ ސިނާއަތަށް ބޮޑު ހީނަރުކަމެއް ކުރިމަތިވެފައިވާއިރު، މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ބަދަލުގައި އެހެން ހައްލުތަކެއް ހޯދުމަށް އެއަރލައިންތަކުން ދަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލަމުންނެވެ.

އަޔާޓާއިން ޤަބޫލުކުރާ ގޮތުގައި ބައިނަލްއަޤްވާމީ ހުރިހާ ފްލައިޓްތަކަކުން ދަތުރުކުރާ ފަސިންޖަރުން ފުރުމުގެ ކުރިން ކޯވިޑްއަށް ޓެސްޓްކުރުމަށް ހުރިހާ ޤައުމަކުން އެއްބަސްވެއްޖެނަމަ، ދަތުރުކުރާ ހުރިހާ ފަސިންޖަރުންނަށްވެސް ރައްކާތެރިކަން ކަށަވަރުވެ، ވައިގެ ދަތުރުފަތުރު އަނެއްކާވެސް އިތުރުވެގެންދާނެއެވެ.

ކޯވިޑްއާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ގިނަ ޤައުމުތަކެއްގެ ބޯޑަރު ބަންދުކޮށްފައި އޮތުމުން، ވައިގެ އުދުހުމަށް އޮންނަ ޑިމާންޑް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އަދި މިކަމުގެ ސަބަބުން އެއަރލައިންތަކަށް ލިބެމުންދިޔަ އާމްދަނީ އެތައް ގުނައެއް ދަށްވެ، ބައެއް އެއަރލައިންތަކުން ގިނަ އަދަދެއްގެ މުވައްޒަފުންވެސް ވަނީ ވަކިކޮށްފައެވެ.