ވިޔަފާރި

ބޮޑެތި ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް 526.2 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި


ކޯވިޑް19އާ ގުޅިގެން ބޮޑެތި ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ބޭންކް އޮފް މޯލްޑިވްސްއިން 526.2 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ބީއެމްއެލްއިން ދޫކުރާ "ރިކަވަރީ ލޯނު ސްކީމް"ގެ ދަށުން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް 371 ފަރާތަކަށް ވަނީ ލޯނު ދޫކޮށްފައެވެ. މިއީ ޖުމްލަ 526.2 މިލިއަން ރުފިޔާއާއި 7.5 މިލިއަން ޑޮލަރެވެ.

ކޯވިޑް19އާ ގުޅިގެން އިޤްތިސާދީގޮތުން ލިބިފައިވާ ހީނަރުކަން ކުޑަކުރުމަށް އެހީތެރިވުމުގެ ގޮތުން ބޮޑެތި ވިޔަފާރިތަކަށް ލޯނު ދޫކުރަނީ ބީއެމްއެލްއިންނެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ބީއެމްއެލްއަށް 566 ފަރާތަކުން ލޯނަށް އެދި ހުށަހަޅާފައިވެއެވެ. އޭގެތެރެއިން 405 ފަރާތަކަށް ލޯނު ދޭން ވަނީ ނިންމާފައެވެ. އަދި 18 ފަރާތަކަށް ލޯނު ހަމަޖެހިފައިނުވާއިރު، 9 ފަރާތެއްގެ ލޯނު ދިނުމާމެދު ގޮތެއް ނިންމަމުންދާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ކޯވިޑް19 ރިކަވަރީ ލޯން ސްކީމަކީ ކޯވިޑްއާ ގުޅިގެން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ވިޔަފާރިތަކަށް ބޭނުންވާ ހިންގުމުގެ ޚަރަދު ހަމަޖެއްސުމަށް ސަރުކާރުގެ އިސްނެންގެވުމުގެ މަތިން ބީއެމްއެލްއިން ތަޢާރަފްކޮށްފައިވާ ލޯނު ސްކީމެކެވެ.

މިސްކީމްގެ ދަށުން ބޮޑެތި ވިޔަފާރިތަކުގެ ތެރެއިން ރިސޯޓް ވިޔަފާރިތަކަށް 7.7 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ. އަދި ރިސޯޓް ނޫން ވިޔަފާރިތަކަށް 1 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ. އިކޮނޮމިކް ރިލީފް ޕެކޭޖުގެ ތެރެއިން ދޫކުރާ މި ލޯންތަކަށް ކުރިމަތިލެވޭނީ 2019 ވަނަ އަހަރު 10 މިލިއަން ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާ ރިސޯޓުތަކަށާއި އެހެނިހެން ވިޔަފާރިތަކަށެވެ.