ކުޅިވަރު

ފޭދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް ނިންމާލައިފި


ސަރުކާރުން އައްޑޫ ސިޓީ ފޭދޫގައި ތަރައްގީކުރަމުން އަންނަ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް އެޅުމުގެ މަސައްކަތް ނިންމާލައިފިއެވެ. ފޭދޫ ފުޓްބޯޅަ ދަނޑު އެއްވަރުކުރުމުގެ މަސައްކަތް ނިންމާލިކަން މަސައްކަތާ ޙަވާލުވެފައިވާ ކުންފުނި އެމްޓީސީސީއިން އިޢުލާނުކުރީ މިއަދުއެވެ.

ދަނޑުގެ ބިން އެއްވަރުކުރުމަށް ފަހު އެމްޓީސީސީން ބުނީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ އިން ހަވާލުކުރި އެ މަސައްކަތަށް 2.65 މިލިއަން ރުފިޔާ ހަރަދުވިކަމަށެވެ. ސަރުކާރުން އެމްޓީސީސީއާ އެ ޕްރޮޖެކްޓް ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 11 ވަނަ ދުވަހުއެވެ. އަހަރެއްހާ ދުވަސް ފަހުން އެމްޓީސީސީއިން އެ މަސައްކަތް ނިންމާލީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

ފޭދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ނިންމާލިއިރު، ކުޅިވަރާބެހޭ ވުޒާރާއިން ވަނީ އެ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާއެވެ. އަދި އެ މަސައްކަތަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ 4.53 މިލިޔަން ރުފިޔާގެ ބަޖެޓެއް އެކުލަވާލާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުން ހިމެނޭއިރު، ފޭދޫ ފުޓްބޯޅަ ދަނޑުގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފުޓްބޯޅަ ދަނޑުތައް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި މިހާތަނަށް ސަރުކާރުން ވަނީ ތ. ވިލުފުށީ ޓާފް ދަނޑާއި، ރ. އަލިފުށި ޓާފް ދަނޑާއި، ފ. ނިލަންދޫ ޓާފް ދަނޑާއި ނ. ކެނދިކުޅުދޫ ޓާދް ދަނޑުގެ އިތުރުން އެ އަތޮޅު ހޮޅުދޫ ޓާފް ދަނޑުގެ މަސައްކަތް ނިންމާލާފައެވެ.