ޚަބަރު

ޕިކަޕެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާ އާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި


މާލޭގައި ހިންގި އޮޕަރޭޝަނެއްގައި، ޕިކަޕެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާ އާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ހަނދުވަރީ ހިނގުމުން ދުއްވާފައިދިޔަ ޕިކަޕެއް ހުއްޓުވައި ބަލައި ފާސްކުރިއިރު 10 ޕެކެޓު ބަނގުރާ އާއި، 72 ފުޅި ބަނގުރާ އަދި 192 ދަޅު ބިޔަރު ފެނިފައިވާކަމަށެވެ.

މި ސެޕްޓެމްބަރ މަހުގެ 21 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެ ޕިކަޕު ހުއްޓުވަން ފުލުހުން މަސައްކަތްކުރުމުން، އޭގައި ތިބި ބިދޭސީން ފިލަން މަސައްކަތްކޮށް ފުލުހުންނަށް ހަމަލާދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން 31 އަހަރުގެ ދިވެހި ފިރިހެނަކާއި 26 އަހަރުގެ ބަންގްލަދޭޝް ދެ ފިރިހެނުންނާއި 28 އަހަރު ފިރިހެނަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުންއަންނަކަމަށެވެ.

ފުލުހުން އަންނަނީ މަސްތުވާތަކެއްޗާ ގުޅޭ މިފަދަ އެތައް އޮޕަރޭޝަން ތަކެއް ހިންގަމުންނެވެ. މިގޮތުން ދާދިފަހުންވެސް ވަނީ މާލެއިން މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފައެވެ.