ކުޅިވަރު

އަމާޒު ވަރަށް ސާފު، ނުކުންނަނީ މޮޅުވާން: ފްލިކް


ބަޔާން މިއުނިކުގެ އަމާޒު ވަރަށް ސާފުކަމަށާއި އަމާޒަކީ ސެވިއްޔާ ބަލިކޮށް ސުޕަ ކަޕް ކާމިޔާބުކުރުން ކަމަށް ބަޔާން މިއުނިކްގެ ކޯޗު ހެންސީ ފްލިކް ބުނެފިއެވެ.

ޔޫއެފާ ސުޕަރ ކަޕުގައި މިދިޔަ ސީޒަންގައި ޔުރޮޕާ ލީގު ކާމިޔާބު ކުރި ސެވިއްޔާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން ފްލިކް ބުނީ މެޗު ދެޓީމަށް ވެސް އުނދަގޫވާނެކަމަށާއި ދެޓީމުވެސް މެޗުގައި ކުރިމަތިލާނީ އެއް އަމާޒަކަށްކަމަށެވެ. ލިބުނު ކުޑަ ބްރޭކަށް ފަހު މެޗަށް ތައްޔާރުވާން ކުޑަދުވަސްކޮޅެއް ލިބުމުން އެއީ ދެޓީމަށް ދިމާވާނެ ގޮންޖެހުމެއްކަމަށް ފްލިކް ބުންޏެވެ.

ޓީމުގެ ކުޅުންތެރިންގެ ޓެމްޕޯއަކަށް އަދި އެއްވެސް ކުޅުންތެރިއެއްގެ ފިޓްނަސްއަކަށް ބަދަލެއް ނާންނަކަމުގެ ޔަގީންކަން އެބައޮތްކަމަށް އެންމެފަހުން ލީގުގައި 8-0 ޝާލްކޭ ބަލިކުރި ޓީމުގެ ކޯޗު ބުންޏެވެ. ބަޔާން މިއުނިކަށް ހުސްވި ސީޒަންގައި ތިން ތަށި ހޯދައިދިން ކޯޗު ބުނީ ނިމުނު ސީޒަނަކީ ގަބޫލްކުރަން ދަތި ކާމިޔާބު ސީޒަނެއް ކަމަށާއި ބޭނުންވަނީ އެ ކާމިޔާބީ މި ސީޒަނުގައި ތަކުރާރު ކުރަންކަމަށެވެ.