ކުޅިވަރު

މިއީ މިލާންގެ ތަފާތު ފެންނާނެ ސީޒަނެއް: މަލްޑީނީ


މި ފެށުނު ސީޒަނަކީ ތަފާތު މަސައްކަތަކާއެކު ފެށުނު ސީޒަނެއް ކަމަށާއި މި ސީޒަންގައި މިލާނުން ތަފާތު ދައްކާނެކަމަށް އޭސީ މިލާން ޓެކްނިކަލް ޑައިރެކްޓަރ ޕައުލޯ މަލްޑީނީ ބުނެފިއެވެ.

މި ސީޒަނުގެ މިލާންގެ އެންމެ ބޮޑު އަމާޒަކީ ޗެމްޕިއަންސް ލީގަށް ކޮލިފައިވުން ނޫންކަމަށާއި ކާމިޔާބީ ހޯދަން ދެވެން އޮތް އެންމެ ދުރަކަށް ދިޔުންކަމަށް މަލްޑީނީ ބުންޏެވެ. އެކަމަށްޓަކައި މިލާންގެ ކުޅުންތެރިންގެ އެންމެ ފުރިހަމަ ކުޅުން ހުރިހާ މުބާރާތެއްގައި ވެސް ފެންނާނެކަމަށް އެޓީމުގެ ކުރީގެ ކެޕްޓަން ބުންޏެވެ.

އޭނާ ބުނީ ޓީމެއް ބިނާ ކުރަމުން ދާއިރު އުންމީދުތައް ވަކި މިންގަނޑެއްގައި ހިފަހައްޓަން ޖެހޭނެކަމަށާއި ހަތް ސީޒަންގައި ޗެމްޕިއަންސް ލީގު މިލާނުން ނުކުޅެ ގޮސްފިކަމަށެވެ. މިލާންއެކު ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައިވާ މަލްޑީނީ ބުނީ މިލާން އޮތީ މިވަގުތު ޔޫރޮޕާ ލީގުގެ ޕްލިމިނަރީ ބުރުގައި ކަމަށާއި މުބާރާތައް ކޮލިފައިވެއްޖެނަމަ ގޮންޖެހުން ގިނަ މެޗުތަކަކާ ކުރިމަތިލާން ޖެހޭނެކަމަށެވެ.

2018 ވަނަ އަހަރު އޭނާ އިސްވެހުރެ ކުލަބު އަލުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކުއްލިއަކަށް ނުފެނުނަސް މަޑުމަޑުން ކުރާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާކަމަށް މިލާންގެ ޓެކްނިކަލް ޑައިރެކްޓަރު ބުންޏެވެ.