ދުނިޔެ

ޢަރަބި ލީގުގެ މުޤައްރިރުކަން ފަލަސްޠީނުން ދޫކޮށްލައިފި


ކުރިއަށް އޮތް ހަ މަސް ދުވަހު ޢަރަބި ލީގުގެ މުޤައްރިރުކަން ކުރަން ހަމަޖެހިފައި އޮތް ފަލަސްޠީނުން މުޤައްރިރުކަން ދޫކޮށްލައިފިއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ފަލަސްޠީނުގެ ޚާރިޖީ ވަޒީރު ރިޔާދް އަލްމާލިކީ ވިދާޅުވީ އިސްރާއީލާއެކު ގުޅުން ބަދަހިކުރުމަށް ޢަރަބި ޤައުމުތަކުން އަވަސްވެގަނެފައިވާ ވަގުތެއްގައި ޢަރަބި ލީގުގެ މުޤައްރިރުކަންކުރަން އެ ޤައުމުން ބޭނުން ނުވާކަމަށެވެ. އަދި އެ މަންޒަރު ދުށުމަކީ ޝަރަފެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. މުޤައްރިރުކަން ދޫކޮށްލުމަށް ނިންމި ނިންމުން ޢަރަބި ލީބުގެ ސެކެޓްރީ ޖެނެރަލް އަޙްމަދު އަބުލް ޢައިތަށް އަންގަވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ޔޫއޭއީއާއި ބަހުރައިނުންވަނީ އިސްރާއީލާއެކު ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ފަލަސްޠީނުން ޤަބޫލުކުރާގޮތުގައި އެ ޤައުމުގެ ބިންތައް އިސްތިޢުމާރުކޮށްފައިވާ އިސްރާއީލާއެކު ޢަރަބި ޤައުމުތަކުން ގުޅުން ބަދަހި ކުރުމަކީ އެ ޤައުމާ ދެކޮޅަށް ވެވޭ ޚިޔާނާތެކެވެ. އިސްރާއީލާއެކު ޔޫއޭއީއާއި ބަހުރައިނުން ޤާއިމްކުރި ގުޅުމުގެ ދަށުން އެ ޤައުމާއެކު ޚާރިޖީ، ވިޔަފާރީ އަދި ސަލާމަތީ ގުޅުންތައް ޤާއިމުކުރާނެއެވެ. އެފަދަ ގުޅުމެއް އިސްރާއީލާއެކު ޤާއިމްކުރުމަށް ޔޫއޭއީއާއި ބަހުރައިނުން ނިންމި ނިންމުމަކީ ފަލަސްޠީނުން އަމިއްލަ ދަޢުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތަށް އެޅޭ ހުރަހެއްކަމަށް މީގެ ކުރިން އެ ޤައުމުންވަނީ ސިފަކޮށްފައެވެ.

މިދިޔަ މަހުގެ ތެރޭގައި އިސްރާއީލާއެކު ގުޅުންބަދަހިކުރުމަށް އެ ދެ ޤައުމުން ނިންމުމުން އެކަން ކުށްވެރިކުރުމަށް ފަލަސްޠީނުން އަރަބި ލީގަށް ބާރު އެޅި ނަމަވެސް އެކަން ކާމިޔާބުވެފައެއް ނުވެއެވެ. ނަމަވެސް ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި ޔޫއޭއީއާއި ބަހުރައިނުގެ ނަން ޚާއްޞާކޮށް ފާހަގަކޮށްފައެއް ނުވެއެވެ.

ބެލެވޭ ގޮތުގައި ޔޫއޭއީއާއި ބަހުރައިނުން އިސްރާއީލާއެކު އެއްގަލަކަށް އަރައި ގުޅުން ޤާއިމްކޮށްފައިވަނީ މެދުއިރުމަތީގެ ސަރަޙައްދުގައި އީރާނުގެ ބާރުގަދަވަމުންދާތީ އެ ޤައުމުގެ ނުފޫޒުކުޑަކުރުމަށް އެކުގައި މަސައްކަތްކުރުމަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަންޕުވަނީ ވަރަށް އަވަހަށް ޢަރަބި ގިނަ ޤައުމުތަކަކުން އިސްރާއީލާއެކު ގުޅުން ޤާއިމްކުރާނެކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތްތަނުގައި ފަލަސްޠީނުންވެސް އެގޮތަށް ޢަމަލުކުރާނެކަމަށް ޤަބޫލުކުރައްވާކަމަށް ޓްރަންޕުވަނީ ވިދާޅުވެފައެވެ.