ވިޔަފާރި

އަލިފާނުގެ ހާދިސާއާ ގުޅިގެން އެސްބީއައިއަށް 16 މިލިއަން ރުފިޔާގެ ގެއްލުމެއް


ސްޓޭޓް ބޭންކް އޮފް އިންޑިއާ، އެސްބީއައި ހުރި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ބޭންކަށް 16 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވާކަމަށް އެސްބީއައި ރާއްޖޭގެ ބްރާންޗުގެ ސީއީއޯ ބަރަތު މިޝްރާ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މިޝްރާ ވިދާޅުވީ، އެސް.ބީ.އައި މާލެ ބްރާންޗް ހިންގި އިމާރާތަށް ލިބުނު ގެއްލުމާއިއެކު މާލެ ބްރާންޗްގެ ހިދުމަތް އަލުން ފެށޭނެކަމަށް ބެލެވެނީ ޑިސެމްބަރުމަހުގެ މެދުތެރޭގައިކަމަށެވެ. އަދި މިވަގުތު ޙިދުމަތް ދެމުން އަންނަނީ ހުޅުމާލޭ ބްރާންޗުންކަމަށް އޭނާ ވިދާޅުވިއެވެ. ނަމެވެސް ހުޅުމާލޭ ބްރާންޗްގައި ހުރި ޖާގައިގެ ދަތިކަމުގެ ސަބަބުން އެހެން އިމާރާތަކުން އިތުރު 2 ފްލޯއެއް ނަގާފައިވާކަމަށް މިޝްރާ ވިދާޅުވިއެވެ. މިތަންތަނުންވެސް ވަރަށް އަވަހަށް ކަސްޓަމަރުންނަށް ޙިދުމަތް ލިބިގެންދާނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެސްބީއައި ހުޅުމާލޭ ބްރާންޗްގައި ހުރި ޖާގައިގެ ދަތިކަމާއިއެކުވެސް ޙިދުމަތް ދެމުންދަނީ އިޖްތިމާއީ ގައިދުރުކަމާއިއެކުގައެވެ. އަދި މާލެއިން ހުޅުމާލެއަށް ދާން ބޭނުންވާ އެސްބީއައިގެ ކަސްޓަމަރުންނަށް ބަހުގެ ޙިދުމަތްވެސް ކޮންމެ ބައިގަޑިއިރަކުން ލިބޭނެކަމަށް މިޝްރާ ވިދާޅުވިއެވެ.

ކަސްޓަމަރުންނަށް ފަސޭހައިން ޙިދުމަތްލިބޭނެ ފަދަ ހުރިހާ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް އެސްބީއައިއިން ބުނެއެވެ. މި ހާލަތުގައި ކަސްޓަމަރުންނަށް ލިބިދާނެ ދަތި އުނދަގޫތަކަށް އެސްބީއައިއިން ވަނީ މައާފަށްއެދިފައެވެ.

އެސްބީއައި ހިންގަމުން އަންނަ ގަދަގެ މުހައްމަދުފުޅު އިމާރާތާއި ޖެހިގެން ހުރި ކެފޭ ޓިއޮލޯގައި މިދިޔަ އޮގަސްޓްމަހުގެ ތެރޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެސްބީއައި އިމާރާތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި އަލިފާނުގެ ހާދިސާގައި އެސްބީއައިގެ ފަސް ފަންގިފިލާއަށް ވަނީ އަލިފާނުގެ އަސަރު ކޮށްފައެވެ. އެތަނުގައި ބޭނުން ކުރަމުން އައި ގިނަ އަދަދެއްގެ ކޮމްޕިއުޓަރާއި ގޮނޑި، މޭޒު ބޭނުން ނުކުރެވޭވަރަށް ވަނީ ހަލާކުވެފައެވެ.