ކުޅިވަރު

ބައެއް ފަހަރު ހެދޭ ގޯސްތަކުން ކޮންޓްރޯލު ގެއްލޭ: މޮރިނީއޯ


މެޗުތަކުގައި ބައެއް ފަހަރު ހެދޭ ގޯސްތަކުން އޭނާގެ ޓީމަށް ކޮންޓްރޯލު ގެއްލޭކަމަށް ޓޮޓްނަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި އެންމެފަހުން ސައުތެމްޓަން އަތުން ހޯދި މޮޅަށްފަހު ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ މެޗު ފެށީ ރަނގަޅަށް ކަމަށާއި އެހެންނަމަވެސް ފުރަތަމަ ފަނަރަ މިނެޓާއި ހަމައަށް ޓީމުން ރަނގަޅަށް ކުޅުނު ކަމަށެވެ. އެއަށްފަހު ޓޮޓްނަމް އަތުން ކޮންޓްރޯލް ގެއްލުނުކަމަށާއި މެޗުގައި ތަފާތުވެގެން ދިޔައީ ޓީމުން ދެވަނަ ހާފުގައި ދެއްކި މޮޅުކުޅުމުން ކަމަށް މޮރީނިއޯ ބުންޏެވެ. އަދި އެހާ ތަފާތު ބޮޑު ނަތީޖާ އެއް ނުކުމެދާނެކަމަކަށް އޭނާ އުންމީދު ނުކުރާކަމަށްވެސް 5-2 ގެ ނަތީޖާއަކުން މޮޅުވި މެޗާ ގުޅޭގޮތުން މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ މެޗުގެ ތަފާތަކީ އޭނާގެ ޓީމުގެ ހެރީ ކޭން ކަމަށާއި އޭނާއަކީ ހުނަރުގޮތުން ތަފާތު މޮޅު ކުޅުންތެރިއެއްކަމަށެވެ. މިރޭ ލީގު ކަޕްގައި ލޭޓޮންއާ ދެކޮޅަށް ނުކުންނައިރު އަރާމްކުރަން ގިނަ ކުޅުންތެރިންނަށް ފުރަސަތު ދޭނެކަމަށް މޮރީނިއޯ ބުންޏެވެ. ޓޮޓްނަމްގެ ކޯޗު ބުނީ ކުރިން މެޗުތައް ކުޅެމުން އައީ އާދިއްތައާ ބުރާސްފަތި ދުވަހު ކަމަށާއި އެހެންނަމަވެސް އެދެމެދަށް ހަފްތާގެ މެދުތެރެއިން މެޗުތައް ކުޅެންޖެހުމުން އެހެން ގޮތްތަކެއް ހޯދަން ޖެހިފައިވާކަމަށެވެ. އެހެންކަމުން ކޮންމެ މަގާމަކަށް ކުޅެވޭ ފެންވަރުގެ ދެ ކުޅުންތެރިން ސްކޮޑުގައި ހުރުމަކީ މުހިންމުކަމެއް ކަމަށް މޮރީނިއޯ ބުންޏެވެ. ގާތްގާތުގައި މުބަރާތްތަކުގައި ވާދަކުރަން ޖެހޭކަމަށް ވާނަމަ ވަރުގަދަ ސްކޮޑެއް ނެތި ކާމިޔާބާ ހަމަޔަށް ނުދޭވެނެކަމަށް ވެސް ޗެލްސީއާއި މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ކޯޗު ބުންޏެވެ.