ޚަބަރު

ފިޔަވަޅު އެޅުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތުގައި ބައިވެރިނުވުމަށް އީރާނުން ގޮވާލައިފި


އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ނުދިނުމަށް އީރާނުން ދުނިޔެއަށް ގޮވާލައިފިއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒާރިފް ވިދާޅުވީ ވަރުގަދަކަން ދައްކައިގެން ބާރުގެ ބޭނުންކޮށް އީރާނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތަށް ޤައުމުތަކުން މިއަދު ދެކޮޅު ނުހަދައިފިނަމަ އެ ޤައުމުތަކަށްވެސް ދަތިކުރުމުގެ ފިޔަވަޅު އެޅުން އެކަށީގެންވާކަމަށެވެ. ޒާރިފް ވިދާޅުވީ އެމެރިކާގެ ޢަމަލުތަކަކީ ގަނާކުރުން ކަމަށާއި އެފަދަ ޢަމަލުތަކާއެދު ޢަމަލުކުރާނެގޮތެއް ކަންޑައަޅާނީ ދުނިޔޭގެ އެހެން ޤައުމުތަކުންކަމަށެވެ. މިސާލެއްގެ ގޮތުގައި އެމެރިކާއިން ދެކޮޅުހަދާ މަޝްރޫޢެއްކަމަށްވާ ނޯޑް ސްޓްރީމް 2 ނަންގަވަމުން ޒާރިފް ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެހެން މަޝްރޫޢުތަކަށްވެސް އެމެރިކާއިން ދަތިކުރުން އެކަށީގެންވާކަމަށާއި އެފަދަ ޢަމަލުތަކަށް ފިޔަވަޅު ނާޅާނަމަ އެއީ އެގޮތަށް ޢަމަލުކުރާ ފަރާތްތަކަށް ލިބޭ ހިތްވަރެއްކަމަށެވެ.

ސެޕްޓެމްބަރު މަހުގެ 19ވަނަ ދުވަހުގެ ޖީއެމްޓީ ގަޑިން ހަތަރެއް ޖެހުމުން އދ.ން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތައް އަލުން ރުޖޫޢަވާނެކަމަށް އެމެރިކާގެ ސަރުކާރުންދަނީ ބުނަމުންނެވެ. 2015ވަނަ އަހަރު ނިއުކުލިޔަރ ހަތިޔާރު އުފެއްދުން ހުއްޓާލުމަށް އީރާނަށް ހިތްވަރު ދިނުމަށް ދުނިޔޭގެ ބާރުތަކުން އެ ޤައުމާއެކު ވީ ނިއުކުލިޔަރ އެއްބަސްވުމުގެ ދަށުން، އީރާނަށް ހަތިޔާރު ވިއްކުން މަނާކުރާ އެއްބަސްވުމުގެ މުއްދަތު މި އަހަރުގެ އޮކްޓޯބަރު މަހުގެ މެދު ތެރޭގައި ހަމަވާނެއެވެ. އެމެރިކާއިން ބުނަމުންދަނީ ހަތިޔާރު ވިއްކުން މަނާކުރާ އެއްބަސްވުން ދެމިއޮންނާނެކަމަށެވެ.

ނަމަވެސް އދ.ގެ ސަލާމަތީ މަޖިލީހުގެ މެންބަރުކަންކުރާ 15 ޤައުމުގެ ތެރެއިން 13 ޤައުމުންވަނީ އެމެރިކާގެ ނިންމުމަކީ ތަންފީޒުކުރެވޭނެ ނިންމުމެއް ނޫންކަމަށް ބުނެފައެވެ. އެހެން ބުނި ޤައުމުތަކުގެ ތެރޭގައި އެމެރިކާއާއެކު ގާތް ގުޅުމެއް އޮންނަ ޤައުމުތައްވެސް ހިމެނެއެވެ. ޚާރިޖީ ފަރާތްތަކުން ބުނަނީ އެމެރިކާއިން އެދޭގޮތަށް އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ރުޖޫޢަކުރާނީ މަދު ޤައުމަކުންކަމަށެވެ. އެމެރިކާއިން ބުނީ އދ.އަށް ނިސްބަތްވާ ޤައުމުތަކުން އީރާނާ ދެކޮޅަށް ފިޔަވަޅު ނާޅާނަމަ އެފަދަ ފަރާތްތަކާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އެޅުމަށް ތައްޔާރަށް އޮތްކަމަށެވެ.