ތ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް އަޑިއަށް ދިޔަ ދޯނީގެ ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް ވަޔާއި ކަނޑުމަގުން ބޮޑު ސަރަޙައްދެއް ބަލާފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
"ފްރެންޓް-4" ނަމަކަށް ކިޔާ މި ދޯނި އަޑިއަށްގޮސްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި ޙާދިސާގައި މީހުން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި 3 މީހަކު ވަނީ ގެއްލިފައެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލުނު 3 މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 5212 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާކަމަށެވެ. މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު މީހުން އަދި ފެނިފައެއް ނުވެއެވެ.
މި ޙާދިސާގައި ގެއްލިފައިވަނީ އުމުރުން 33 އަހަރުގެ ޕޮލިސް ސާޖަންޓު ޢަލީ ނާފިޢު އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ އުމުރުން 39 އަހަރުގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދެވެ. އަދި ގެއްލިގެން ހޯދަމުންދާ ތިން ވަނަ މީހަކީ ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، އުމުރުން 35 އަހަރުގެ މުޙައްމަދު ޙަމްދޫނެވެ.
"ފްރެންޑް 4" ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު 3 މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 5212 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބެލިފަ. މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު މީހުން އަދި ފެނިފައެއް ނުވޭ.
— Maldives National Defence Force (@MNDF_Official) August 7, 2026
8 މީހުންނާއެކު ހުވަދުއަތޮޅަށް ދަތުރުކުރި ސަޕްލައި ދޯންޏެއް ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ބުދަދުވަހުގެ ރޭ 22:40 އެހައިކަންހާއިރުކަމަށް އެ އިދާރާއިން މައުލޫމާތުދެއްވައެވެ. "ފްރެންޑް 4" ނަމަކަށް ކިޔާ މި ދޯންޏަކީ ތ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދިޔަ ސަޕްލައި ދޯންޏެކެވެ.
މިދޯނި ފެތި އަޑިއަށްދިޔަ ހާދިސާ ހިނގިއިރު ދޯނީގައި ތިބި 8 މީހުން ތިބިއިރު އޭގެތެރެއިން 7 މީހުން ވަނީ ސަލާމަތްކޮށްފައެވެ.