ދުނިޔޭގެ ވިޔަފާރި

ޑަބްލިޔުޓީއޯގެ ވެރިޔާގެ އިންތިޚާބުގެ 2 ވަނަ ބުރަށް 5 ބޭފުޅުން


ބައިނަލްއަޤްވާމީ ވިޔަފާރިއާބެހޭ ޖަމުޢިއްޔާ، ޑަބްލިޔު.ޓީ.އޯގެ ވެރިޔާގެ މަޤާމަށް ބޭފުޅަކު އައްޔަންކުރުމަށް ބާއްވާ އިންތިޚާބުގެ 2 ވަނަ ބުރުން 5 ބޭފުޅަކު ޖާގަ ހޯއްދަވައިފިއެވެ.

ޑަބްލިޔު.ޓީ.އޯގެ ވެރިޔާ ނުވަތަ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރުމުގެ މަސައްކަތް ފަށާފައިމިވަނީ، އެމަޤާމުގައި މިހާރު ހުންނެވި ބްރެޒިލްގެ ރޮބާޓޯ އެޒްވާޑޯ މިމަހުގެ 31 ވަނަ ދުވަހު މަޤާމުން ވަކިވެވަޑައިގަންނަވާނެކަން މިދިޔަ މޭމަހު އިޢުލާންކުރުމުންނެވެ. 2 ދައުރު އެމަޤާމުގައި ހުންނެވުމަށްފަހު ރޮބާޓޯ މަޤާމުން ވަކިވުމަށް ނިންމެވިއިރު، އޭނާގެ މަޤާމުގެ ދައުރުގެ އެއް އަހަރު ބާކީ އެބައޮތެވެ.

ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ ޑިރެކްޓަރ ޖެނަރަލްގެ މަޤާމަށް ކުރިމަތިލުމަށް އެޖަމުޢިއްޔާގެ މެމްބަރު ޤައުމުތަކަށް ހުޅުވާލި ފުރުޞަތުގައި 8 ޤައުމަކުން ވަނީ އެމަޤާމަށް ނަން ހުށަހަޅާފައެވެ. ނަން ހުށަހެޅި ޤައުމުތަކަކީ، މިސްރު، ދެކުނު ކޮރެޔާ، މެކްސިކޯ، މޯލްޑޯވާ، ނައިޖީރިއާ، ސައުދީ އަރަބިއްޔާ އަދި އިނގިރޭސިވިލާތެވެ. މިޤައުމުތަކުން ވަނީ ވިޔަފާރީގެ ދާއިރާއިން ތަޖުރިބާކާރު ބޭފުޅުންތަކެއްގެ ނަން ހުށަހަޅާފައެވެ.

ނަން ހުށަހެޅި 8 ޤައުމުގެ ކެނޑިޑޭޓުންގެ މެދުގައި ކުރިއަށްދިޔަ އިންތިޚާބުގެ ފުރަތަމަ ބުރުން ކާމިޔާބު ހޯއްދަވައިގެން 2 ވަނަ ބުރުން ޖާގަ ހޯއްދަވާފައިވަނީ 5 ބޭފުޅުންނެވެ. އެ 5 ބޭފުޅުންނަކީ ކެންޔާގެ ކުރީގެ މިނިސްޓަރެއްކަމަށްވާ އަމީނާ މުހައްމަދު، ނައިޖީރިޔާގެ ކުރީގެ މާލީ ވަޒީރު ނޯޒީ އޮކޮންޔޯ، ދެކުނު ކޮރެޔާގެ ކުރީގެ ޓްރޭޑް މިނިސްޓަރ ޔޫ މްޔަންގ ހީ، ސައުދީ އަރަބިއްޔާގެ ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު އަލް ތުވައިޖްރީ އަދި އިނގިރޭސިވިލާތުގެ ކުރީގެ މިނިސްޓަރ ލިއާމް ފޮކްސްއެވެ.

ޑަބްލިޔު.ޓީ.އޯގެ ވެރިޔާގެ މަޤާމަށް ބޭފުޅަކު އައްޔަންކުރުމަށް ބާއްވާ އިންތިޚާބުގެ 2 ވަނަ ބުރަށް ހޮވުނު 5 ބޭފުޅުންގެ ތެރޭގައި 3 އަންހެން ބޭފުޅުން ހިމެނޭއިރު، މީގެކުރިން ޑަބްލިޔުޓީއޯގެ ޑިރެކްޓަރ ޖެނަރަލްގެ މަޤާމަށް އަންހެން ބޭފުޅަކު އިންތިޚާބުވެފައެއް ނުވެއެވެ.

މިމަހުގެ 25 ވަނަ ދުވަހުން އޮކްޓޫބަރުމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޑަބްލިޔު.ޓީ.އޯގެ އިންތިޚާބުގެ 2 ވަނަ ބުރުގައި 5 ބޭފުޅުން ވާދަކުރައްވާއިރު، އޭގެތެރެއިން 3 ވަނަ ބުރަށް ހޮވާނީ 2 ބޭފުޅުންނެވެ. އަދި ޑަބްލިޔު.ޓީ.އޯގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރާނީ ފަހު ބުރަށް ހޮވޭ 2 ބޭފުޅުންގެ ތެރެއިން ޑަބްލިޔު.ޓީ.އޯގެ މެމްބަރުންގެ އަޤްލަބިއްޔަތު ލިބޭ ބޭފުޅެކެވެ.

ޑަބްލިޔުޓީއޯގެ އޮފިޝަލުން ވިދާޅުވާ ގޮތުން ނޮވެމްބަރުމަހުގެ ކުރީކޮޅު ޑަބްލިޔު.ޓީ.އޯ ޑިރެކްޓަރ ޖެނަރަލްގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރުމުގެ މަސައްކަތް ނިމޭނެއެވެ.