ދުނިޔެ

ފަލަސްޠީނުގެ މައްސަލައަށް ޙައްލެއް ނުލިބެނީސް އިސްރާއީލާއެކު ގުޅުންބަދަހި ނުކުރާނަން: ޤަތަރު

ފަލަސްޠީނުގެ މައްސަލައަށް ޙައްލެއް ނުލިބެނީސް އިސްރާއީލާއެކު ގުޅުންބަދަހި ނުކުރާނެކަމަށް ޤަތަރުން ބުނެފިއެވެ. ވައިޓް ހައުސުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އިސްރާއީލާއެކު ގުޅުންބަދަހުކުރުމަށް އެމެރިކާ މެދުވެރިވެ އެކުލަވާލާފައިވާ އެއްބަސްވުމެއްގައި ޔޫއޭއީއާއި ބަހުރައިނުންވަނީ ރޭ ސޮއިކޮށްފައެވެ. އެއީ 1994ވަނަ އަހަރުން ފެށިގެން ޢަރަބި ޤައުމަކުން އިސްރާއީލާއެކު ގުޅުންބަދަހިކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން 1979ވަނަ އަހަރާއި 1994 އަހަރު މިޞްރާއި އުރުދުނުންވަނީ އިސްރާއީލާއެކު ގުޅުން ޤާއިމްކޮށްފައެވެ.

އިސްރާއީލާއެކު ޚާރިޖީ ގުޅުން ޤާއިމްކުރުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޤަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު، ލުލްވާ ވިދާޅުވީ އަރަބި އެހެން ޤައުމުތަކުން އިސްރާއީލާއެކު ގުޅުން ޤާއިމުކުރި ނަމަވެސް ޤަތަރުން އެފަދަ ގޮތަކަށް ޢަމަލުނުކުރާނެކަމަށެވެ. އޭނާ ވިދާޅުވީ އިސްރާއީލާއި ފަލަސްޠީނާ ދެމެދު އޮތް މައްސަލަތަލުގެ މަސްދަރަކީ ގުޅުންބަދަހި ނުކުރުންކަމަށް އެ ޤައުމުން ޤަބޫލުކުރާކަމަށާއި އެހެންކަމުން ގުޅުންބަދަހިކުރި ނަމަވެސް މައްސަލައަށް ޙައްލެއް ލިބޭނެކަމަށް ޤަތަރުން ޤަބޫލުނުކުރާކަމަށެވެ. ހަޤީޤީ މައްސަލައަކީ ފަލަސްޠީނުގެ ރައްޔިތުން އަމިއްލަ ޤައުމެއް އޮވެ، ޤައުމެއް ނެތް ބައެއް ފަދައިން އިސްރާއީލުގެ ބާރުގެ ދަށުގައި ދިރިއުޅެން ޖެހުންކަމަށް އޭނާ ވިދާޅުވިއެވެ.

އިސްރާއީލާއެކު ޔޫއޭއީއާއި ބަހުރައިނުން ޤާއިމްކުރި ގުޅުމުގެ ދަށުން އެ ޤައުމާއެކު ޚާރިޖީ، ވިޔަފާރީ އަދި ސަލާމަތީ ގުޅުންތައް ޤާއިމްކުރާނެއެވެ. އެފަދަ ގުޅުމެއް އިސްރާއީލާއެކު ޤާއިމްކުރުމަށް ޔޫއޭއީއާއި ބަހުރައިނުން ނިންމި ނިންމުމަކީ ފަލަސްޠީނުން އަމިއްލަ ދަޢުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތަށް އެޅޭ ހުރަހެއްކަމަށް އެ ޤައުމުންވަނީ ސިފަކޮށްފައެވެ.

ބެލެވޭ ގޮތުގައި ޔޫއޭއީއާއި ބަހުރައިނުން އިސްރާއީލާއެކު އެއްގަލަކަށް އަރައި ގުޅުން ޤާއިމްކޮށްފައިވަނީ މެދުއިރުމަތީގެ ސަރަޙައްދުގައި އީރާނުގެ ބާރުގަދަވަމުންދާތީ އެ ޤައުމުގެ ނުފޫޒުކުޑަކުރުމަށް އެކުގައި މަސައްކަތްކުރުމަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަންޕުވަނީ ވަރަށް އަވަހަށް ޢަރަބި ގިނަ ޤައުމުތަކަކުން އިސްރާއީލާއެކު ގުޅުން ޤާއިމްކުރާނެކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތްތަނުގައި ފަލަސްޠީނުންވެސް އެގޮތަށް ޢަމަލުކުރާނެކަމަށް ޤަބޫލުކުރައްވާކަމަށް ޓްރަންޕު ވިދާޅުވިއެވެ.