ޚަބަރު

އިންޑިއާއިން ފިޔާ އެކްސްޕޯޓުކުރުން ހުއްޓާލިޔަސް، ރާއްޖެއަށް ފިޔާ ލިބޭނެ


އިންޑިއާއިން ފިޔާ އެކްސްޕޯޓުކުރުން މަނާކުރިނަމަވެސް ދަތިކަމެއް ނެތި އެޤައުމުން ރާއްޖެއަށް ފިޔާ ލިބޭނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފިޔާ އެކްސްޕޯޓުކުރުން މަނާކުރިކަން އިންޑިއާ ސަރުކާރުން އިއްޔެ ހާމަކޮށްފައިވަނީ އެޤައުމުގައި އެންމެ ގިނައިން ފިޔާ ހައްދާ ދެކުނުގެ ސަރަހައްދުތަކަށް މީގެ މަހެއްހާ ދުވަސްކުރުން ކުރި ވިއްސާރައިގައި ފިޔަ ދަނޑުތައް ހަލާކުވުމުގެ ސަބަބުން ފިޔާގެ އަގު އުފުލިފައިވާތީއެވެ. މިއާއެކު ހުރިހާ ބާވަތެއްގެ ފިޔާ އެކްސްޕޯޓްކުރުން އިންޑިއާ ސަރުކާރުން ވަނީ މަނާކޮށްފައެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރުން މަނާކުރިނަމަވެސް ޚާއްސަ ހުއްދައެއްގެ ދަށުން، ނިމިދިޔަ މަހު އިންޑިއާއިން އައުކޮށްދީފައިވާ ކޯޓާއާއި އެއްގޮތަށް، މެދުނުކެނޑި އަދި ދަތިކަމެއް ނެތި ރާއްޖެއަށް ފިޔާ ލިބޭނެކަމަށެވެ.

ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ޒަރޫރީ ބާވަތްތައް އެތެރެކުރުމަށް އިންޑިއާ ސަރުކާރުން ދީފައިވާ ކޯޓާ އައުކުރިކަން އެޤައުމުން ހާމަކޮށްފައިވަނީ މީގެ މަހެއްހާ ދުވަސްކުރިން އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާ ދެބޭފުޅުން ބޭއްވި ޑިޖިޓަލް ވީޑިއޯ ކޮންފަރެންސެއްގައި ދެއްކެވި ވާހަކަފުޅުގައެވެ.

ކާބޯތަކެތީގެ ޒަރޫރީ 7 ބާވަތެއްގެ އިތުރުން އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ހިލައާއި ހިލަވެލި އިންޑިއާއިން އެތެރެކުރުމަށް ދީފައިވާ ކޯޓާވެސް އޭރުވަނީ އައު ކޮށްދީފައެވެ. ކޯޓާ އާކޮށްދިން ކާބޯތަކެތީގެ ބާވަތްތަކުގެ ތެރޭގައި ކާޑުގެ 3 ބާވަތުގެ އިތުރުން، ފިޔާ، ބިސް އަލުވި އަދި މުގު ހިމެނެއެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ޖައިޝަންކަރު މީގެކުރިން ވިދާޅުވެފައިވަނީ މިދިޔަ އަހަރަށްވުރެ އިތުރަށް މިއަހަރު ރާއްޖެއަށް ކޯޓާ ދޫކޮށްފައިވާނެކަމަށާއި، މިކަމުގެ ސަބަބުން ކޯވިޑް-19ގެ މިހާލަތުގައި ރާއްޖެއަށް ޒަރޫރީ ބާވަތްތައް އިމްޕޯޓްކުރުމަށް އިތުރު ޔަގީންކަމެއް ލިބިގެންދާނެ ކަމަށެވެ.

ކޯވިޑް-19 އާ ގުޅިގެން އިންޑިއާއިން ޒަރޫރީ ގިނަ ބާވަތްތަކެއް ބޭރުކުރުން މަނާކޮށްފައި އޮތްނަމަވެސް، ޚާއްސަ އުސޫލެއްގެ ދަށުން މެދުނުކެނޑި ރާއްޖެއަށް އެ ބާވަތްތައް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި ކޯވިޑް-19 ފެތުރެން ފެށުމާއެކު އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް މެދުނުކެނޑި ރާއްޖެއަށް ލިބޭނެކަމުގެ ޔަޤީންކަންދީ، ލޮކްޑައުންގެ ސަބަބުން ރާއްޖެއަށް ތަކެތި ގެނައުމަށް ދިމާވި ދަތިތަކަށްވެސް ހައްލު ހޯދައިދީފައެވެ.