ޚަބަރު

ކޯވިޑް-19އާއި ގުޅޭ މަސައްކަތަށް އައްޑޫއިން ވޮލަންޓިއަރުން ހޯދަނީ


ކޯވިޑް-19 އާއި ގުޅޭ މަސައްކަތަށް ދަރުމަވެރިން ހޯދުމަށް، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އިއުލާން ކޮށްފިއެވެ.

ދަރުމަވެރިންގެ މަސައްކަތުގެ ތެރޭގައި، ހޮސްޕިޓަލަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތައް މޮނީޓަރ ކުރުމުގެ އިތުރުން ފްރަންޓްލައިންގައި ވެސް ހަރަކާތްތެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ހާމަކުރެއްވިއެވެ. އަދި އެކަމަށް ބޭނުންވާ ތަމްރީނުތައް ދޭނެ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއްވިއެވެ.

ދަރުމަވެރިންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކުން ހޮސްޕިޓަލަށް ސީވީ އާއި އެކު އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ހޮސްޕިޓަލުން އެދިވަޑައިގެންފައެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ދަރުމަވެރިން ހޯދަން އިއުލާން ކޮށްފައި މިވަނީ މިހާރުވެސް މުވައްޒަފުންގެ ދަތިކަން ހޮސްޕިޓަލުގައި ހުރުމާއެކު ބަދަލުވެދާނެ ހާލަތަކަށް ވެސް ބަލާފައި ކަމަށް ހޮސްޕިޓަލުން ހާމަކުރައްވައެވެ. އެހޮސްޕިޓަލުން މިހާރުވެސް 15 ނަރުހުން ހޯދުމަށް ވަނީ އިއުލާން ކޮށްފައެވެ.

އައްޑޫގައި މިވަގުތު ކޯވިޑް-19 ގެ އެކްޓިވް ކޭސްއެއް ނެތެވެ.