ވިޔަފާރި

އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓްގެ ވެލުއޭޝަނެއް ހަދަނީ


އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ވެލުއޭޝަނެއް ހަދަން އިއުލާން ކޮށްފިއެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ވެލުއޭޝަން ހަދަން ނިންމާފައިވާކަން ހާމަކޮށް، ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ މިނިސްޓްރީން ތައްޔާރު ކޮށްފައިވާ ޓާމްސް އޮފް ރިފެންސްއާ އެއްގޮތަށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، މިމަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 24 ވަނަ ދުވަހުގެ ކުރީން އަނދާސީ ހިސާބު ހުށަހެޅުމަށެވެ.

އޭއައިއޭގެ ވެލުއޭޝަން ހަދަން ނިންމާފައިވާއިރު، މިއަހަރުގެ ކުރީ ކޮޅު ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީން ވަނީ އެއާޕޯޓު ހާލަތު ބެލުމަށް ޒިޔާރަތް ކޮށްފައެވެ. މިޒިޔާރަތަށް ފަހު އެކޮމެޓީން ތައްޔާރުކޮށް ފާސްކުރި ރިޕޯޓުގައި ގިނަ ކަންކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އެއާޕޯޓު މިހާރު ހިންގަމުންދަނީ މާލީ ގިނަ ދަތިތަކާއެކުކަން ވަނީ ފާހަގަކޮށްފައެވެ. އަދި ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޚިދުމަތްތައް ފުޅާކޮށް، އިތުރު އެއަރލައިންތަކަށް ފުރުޞަތު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް، މިހާރު އެކުލަވާލެވިފައިވާ ޕްލޭނާއި އެއްގޮތަށް ކުރިޔަށް ގެންދިޔުމަށް ސަރުކާރަށް ދެންނެވުމަށް ކޮމެޓީން ވަނީ ނިންމާފައެވެ.

އޭއައިއޭ އަކީ ސަރުކާރާއި އެސްޓީއޯ، އެމްއޭސީއެލް އަދި ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފްގެ ކާސާ ހޯލްޑިންގްސްގެ ހިއްސާއާއެކު އުފައްދާފައިވާ ކުންފުންޏެކެވެ. މިކުންފުނީގެ ހިއްސާގެ ތެރެއިން އެސްޓީއޯއީން ވަނީ އެކުންފުންޏަށްވާ %10 ހިއްސާ ސަރުކާރަށް ދޫކޮށްލާފައެވެ މިހާރު ކުންފުނި އެކުލެވިގެން ވަނީ، އެމްއޭސީއެލްގެ 10 އިންސައްތަ ހިއްސާއާއި ކާސާ ހޯލްޑިންގްސްގެ 40 އިންސައްތަ ހިއްސާ އަދި ސަރުކާރުގެ 50 އިންސައްތަ ހިއްސާއާއެކުއެވެ. މީގެ ތެރެއިން އެމްއޭސީއެލްގެ ހިއްސާވެސް ދޫކޮށްލަން އެކުންފުނިން ވަނީ ނިންމާފައެވެ.