ދުނިޔޭގެ ވިޔަފާރި

ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތައް ވިއްކާލާނީ އޮރެކަލްއަށް


ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތައް، އެމެރިކާގެ ޓެކްނޮލޮޖީ ކުންފުންޏެއްކަމަށްވާ އޮރެކަލްއަށް ވިއްކާލުމަށް ނިންމާފައިވާކަމަށް ޚަބަރުތައް ބުނެފިއެވެ.

ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތައް އެމެރިކާގެ އޮރެކަލް ކުންފުންޏަށް ވިއްކާލުމަށް އެއްބަސްވުމަކާ ހަމައަށް އައިސްފައި މިވަނީ، މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތައް އެމެރިކާ ކުންފުންޏަކަށް ވިއްކާލުމަށް އެމެރިކާ ސަރުކާރުން ޓިކްޓޮކްއަށް އަންގާފައިވަނިކޮށެވެ.

ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތައް އެމެރިކާ ކުންފުންޏަކަށް ވިއްކާނުލައިފިނަމަ، މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އެމެރިކާގައި ޓިކްޓޮކް މަނާކުރުމަށް އެޤައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ނިންމާފައެވެ.

ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތައް އޮރެކަލް ކުންފުންޏަށް ވިއްކާލުމަށް ޓިކްޓޮކްއިން އެއްބަސްވުމަކަށް އައިސްފައިވާއިރު، މައިކްރޯސޮފްޓުންވެސް ވަނީ ޓިކްޓޮކް ގަތުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް މައިކްރޯސޮފްޓުން ހުށަހެޅި ބިޑަށް ޓިކްޓޮކްގެ ބެލެނިވެރި ކުންފުނި، ޗައިނާގެ ބައިޓްޑާންސްއިން ނޫނެކޭ ބުނެފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތަކުގެ އިތުރުން، ޓިކްޓޮކްގެ ކެނެޑާ، އޮސްޓްރޭލިއާ، އަދި ނިއުޒިލެންޑްގެ އޮޕަރޭޝަންތައް ގަތުމަށްވެސް އޮރެކަލްއިން މަސައްކަތްކުރަމުންދާކަމަށްވެސް ޚަބަރުތައް ބުނެއެވެ.

އެމެރިކާ ސަރުކާރުގެ އެންގުމާ އެއްގޮތަށް ޓިކްޓޮކްގެ ޗައިނާގެ އޮޕަރޭޝަންތައް އެމެރިކާގެ ކުންފުންޏަށް ވިއްކާލުމަށް ނިންމާފައިވާއިރު، މިކަމުގައި އެމެރިކާ ސަރުކާރުން ދެކޭ ގޮތް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މީގެކުރިން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ އޮރެކަލްއަކީ ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތައް ގަތުމަށް ރަނގަޅު ކުންފުންޏެއްކަމަށެވެ.

ޚަބަރުތައް ބުނާގޮތުން އެމެރިކާގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު އުޅެނީ 100 މިލިއަންގައެވެ.