ޚަބަރު

ގޭގަ ތިބެގެން ކާބޯތަކެތި ތައްޔާރު ކުރާ ފަރާތްތަކަށް ހާއްސަ ހަރަކާތެއް އައްޑޫގައި


އައްޑޫގެ ޒުވާނުންތަކެއް އިސްނަގައިގެން ގޭގަ ތިބެގެން ކާބޯތަކެތި ތައްޔާރު ކުރާފަރާތްތަކަށް ހާއްސަ ހަރަކާތެއް ކުރިޔަށް ގެންގޮސްފިއެވެ.

" މިވަރުން ވޭށީ؟ " ހޭޝްޓެގް ދަށުން ކުރިއަށް ގެންދިޔަ މިހަރަކާތަކީ ޒުވާން 'ހޯމް ކުކްސް' ނުވަތަ އާމްދަނީ ހޯދުމަށް ގޭގައި ތިބެގެން ކާބޯތަކެތި ތައްޔާރު ކުރާ ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވި ހަރަކާތެކެވެ. މިހަރަކާތުގެ ތެރެއިން އެފަރާތްތަކަށް އުފެއްދުންތައް މީހުންނަށް ތަޢާރަފު ކުރުމަށް މަގުފަހިވެގެންދާ ކަމަށް ހަރަކާތް އިންތިޒާމް ކުރި ޒުވާނުން ބުނެއެވެ. ފޭދޫ ސަންސެޓް ބީޗްގައި ކުރިއަށް ގެންދިޔަ މިހަރަކާތުގައި، އައްޑޫގެ އެކި އަވަށްތަކުން 15 މީހުން ވަނީ ބައިވެރިވެފައެވެ.

މިހަރަކާތް އިންތިޒާމް ކުރުމުގައި ޒުވާނުންގެ ޓީމުގެ ފަރާތުން މަސައްކަތްކުރި އިމާން އާދަމް ބުނީ ކޯވިޑް-19ގެ މިހާލަތުގައި ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް ގިނަ ޒުވާނުންތަކެއް އޮންލައިން ޕޭޖުތައައް ހަދައިގެން މަސައްކަތް ފަށާފައިވާ ކަމަށެވެ. އެހެން ކަމުގެ މި ހަރަކާތުގެ މަޤްސަދަކީ އަލަށް ކުދި ވިޔަފާރިއެއް ގޮތުގައި ފަށާ ޒުވާނުންނަށް މާކެޓް ހޯދައިދިނުން ކަމަށް އިމާން ބުންޏެވެ. އަދި މިއީ މިފަދަ ފުރަތަމަ ހަރަކާތް ކަމަށާއި ކުރިއަށް ވެސް މިފަދަ އިތުރު ހަރަކާތްތަށް ރޭވިފައިވާ ކަމަށް އެނާ ބުނެއެވެ.

"މި ހަރަކާތުގެ ޓާގެޓް އަކީ އަސްލު ޒުވާނުން. ރަށުގަ އެބައުޅޭ ޕޭޖްތަށް ހަދައިގެން، ނޫނީ ފްރީލާންސްކޮށް މިކަން ކުރާ މީހުން. ގިނަ ބަޔަކަށް ނޭނގޭ. މިތާ ވެސް އެބަތިބި އަޅުގަނޑަށްވެސް ނޭނގޭ ގިނަ މީހުން. ފުރަތަމަ ބާއްވާ އިވެންޓެއްވީމަ ނެގީ އެންމެ 15 ސްލޮޓް. އެއަށްވުރެން އިތުރަށް ވެސް ނަގަން ބޭނުންވި، އެހެންނަމަވެސް ގަޑި އަދި ތަނުގެ ގޮތުން ނުނެގުނީ. އިރާދަ ކުރެއްވީއްޔާ އަދި މަހެއްގެ ތެރޭގައި މިޔަށްވުރެ ރަނގަޅު އިވެންޓެއް ބޭއްވޭތޯ ބަލާނަން. " އީމަން ބުނިއެވެ.

ރާއްޖޭ ކޯވިޑް-19ގެ ހާލަތާއި އެކު، އެންމެ ބޮޑަށް ފެށިގެން ދިޔަ އެއްކަމަކީ ގޭގަ ތިބެގެން ކާބޯތަކެތި ތައްޔާރު ކުރުމުގެ މަސައްކަތެވެ. އެގޮތުން އައްޑޫގައިވެސް އެކި ނަންނަމުގައި އޮންލައިން ކޮށް މިފަދަ ވިޔަފާރިތަށް މިވަނީ ފަށާފައެވެ. އާންމު ގޮތެއްގައި ކާބޯތަކެތި ވިއްކާ ފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިންގެ ދަށުން ރަޖިސްޓްރީ ކުރަން ޖެހޭއިރު، އިކޮނޮމިކް މިނިސްޓްރީން ދާދި ފަހުން ބުނެފައިވަނީ، އަމިއްލަ ފަރުދުން މިގޮތަށް އެކަނި ކުރާ ވިޔަފާރިތަށް ރަޖިސްޓްރީ ވުން މަޖްބޫރު ނޫން ކަމުގައެވެ.