ޚަބަރު

ހިތަދޫ ގޮނޑުދޮށުން ވެލި ނެގި ފަރާތްތަށް 4000ރ. އިން ޖޫރިމަނާ ކޮށްފި


އައްޑޫ ސިޓީ ހިތަދޫ ގޮނޑުދޮށުން ޤަވާއިދާ ހިލާފަށް ވެލި ނެގި މައްސަލައިގައި 2 މީހަކާއި 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ޖޫރިމަނާ ކޮށްފިއެވެ.

މި މައްސަލައިގައި ހިމެނޭ ހުރިހާ އެންމެން ވެސް ޖޫރިމަނާ ކޮށްފައި ވަނީ 4000ރ. އިންނެވެ.

އައްޑޫސިޓީ ކައުންސިލުން ހާމަ ކުރި ގޮތުގައި އެ މީހުން ޖޫރިމަނާކޮށްފައ ވަނީ، ހިތަދޫގެ އެކި ސަރަހައްދު ތަކުން ތަކުރާރުކޮށް އެކި ފަހަރު މަތިން ވެލި ނަގާފައި ވާތީއެވެ. މިއީ މިހާ ބޮޑު އަދަދަކުން ވެލި ނަގައިގެން ޖޫރިމަނާ ކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް މީގެ ކުރިން މިއަހަރުގެ ޖެނުއަރީ މަހުވެސް، ދެ މީހަކު ވެލި ނަގައިގެން 500ރ. އިން ޖޫރިމަނާ ކުރިއެވެ.

ސިޓީ ކައުންސިލުން މި މައްސަލައިގައި ޖޫރިމަނާ ކުރި 18 އަހަރުގެ ކުއްޖާ ފިޔަވައި ދެން ތިބި ދެ މީހުންގެ ވަނަވަރު ވަނީ ހާމަ ކޮށްފައެވެ. ހަމައެއާއި އެކު އިތުރު ފަރާތްތަކުންވެސް ޤަވާއިދާ ޙިލާފަށް ވެލި ނަގަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި، އެފަދަ އަމަލުތަށް ކުރާ ފަރާތްތަކުން އެކަން ހުއްޓާލުމަށްވެސް ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

އައްޑޫސިޓީ ކައުންސިލުން ވިދާޅުވީ، ވެލި ނަގާ ފަރާތްތަކުގެ މައުލޫމާތު، ފުލުހަށް ނުވަތަ ކައުންސިލަށް ރިޕޯޓު ކުރުމުން އެފަރާތްތަކާއި މެދު ކައުންސިލުން ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން މި ޖޫރިމަނާ 10 ދުވަހުގެ ތެރޭގައި ހިތަދޫ އަވަށު އޮފީހަށް ދެއްކުމަށާއި، ނުދައްކާ ފަރާތްތަކާއި މެދު ލާމަރުކަޒީ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅޭނޭ ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ.

އައްޑޫގެ އެކި ސަރަހައްދުތަކުން ޤަވާއިދާ ހިލާފަށް ވެލި ނެގުމުގެ މައްސަލަ މިފަހަކަށް އައިސް ވަނީ ބޮޑުވެފައެވެ. އަދި މިގޮތަށް ވެލި ނަގައިގެން ރިޕޯޓު ކުރުމުން ފުލުހުން އެކަން ހުއްޓުވައެވެ. ނަމަވެސް ތަކުރާރުކޮށް މިފަދަ ކަންކަން ކުރާ ފަރާތްތަކާއި މެދު އެކަށީގެންވާ ފިޔަވަޅު ނޭޅޭ ކަމަށް ގިނަ ފަރާތްތަކުން މީގެ ކުރީން ވަނީ ފާހަގަކޮށްފައި ވެއެވެ.