ދުނިޔޭގެ ވިޔަފާރި

އެމެރިކާގެ ބަޖެޓް ޑެފިސިޓް 3 ޓްރިލިއަން ޑޮލަރުގައި!


އެމެރިކާގެ މިއަހަރުގެ ބަޖެޓް ޑެފިސިޓް 3 ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް ގޮސްފައިވާކަމަށް އެޤައުމުގެ މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.

އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން އާއްމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުން ފެށިގެން މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ހިންގަމުންދާ މާލީ އަހަރުގެ ބަޖެޓް ޑެފިސިޓް ނުވަތަ ދަރަނި މިހާރުވެސް ވަނީ 3 ޓްރިލިއަން ނުވަތަ 3 ހާސް ބިލިއަން ޑޮލަރަށްވުރެ އިތުރުވެފައެވެ.

އެމެރިކާގެ ބަޖެޓް ޑެފިސިޓް މިއަހަރު 3 ޓްރިލިއަން ޑޮލަރަށް އަރާފައިވާއިރު މިދިޔަ އަހަރުގެ ބަޖެޓް ޑެފިސިޓް އުޅެނީ 1.067 ޓްރިލިއަން ޑޮލަރުގައެވެ. އެހެންކަމުން މިދިޔަ އަހަރަށްވުރެ މިއަހަރު އެމެރިކާގެ ބަޖެޓް ޑެފިސިޓް ވަނީ 3 ގުނަ ބޮޑުވެފައެވެ. މީގެކުރިން އެމެރިކާގެ ބަޖެޓް ޑެފިސިޓް އެންމެ ބޮޑުވެފައިވަނީ 2009 ވަނަ އަހަރު ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުގެ ތެރޭގައެވެ. ނަމަވެސް އެއަހަރު އެމެރިކާގެ ބަޖެޓް ޑެފިސިޓް އުޅުނީ 1.4 ޓްރިލިއަން ޑޮލަރުގައެވެ.

އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުން މިހާރު ހިނގަމުންދާ މާލީ އަހަރު ސެޕްޓެމްބަރުމަހުގެ 30 ވަނަ ދުވަހު ނިމޭއިރު، އެމެރިކާގެ ބަޖެޓް ޑެފިސިޓް 3.3 ޓްރިލިއަން ޑޮލަރު ނުވަތަ ޖީޑީޕީގެ 16 އިންސައްތައަށް އަރާނެއެވެ. އެހެންކަމުން މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެމެރިކާގެ ފެޑެރަލް ސަރުކާރުގެ ބަޖެޓް ޑެފިސިޓް އެންމެ ބޮޑުވި ފަހަރެވެ.

ޚަބަރުތައް ބުނާގޮތުން އެމެރިކާގެ ބަޖެޓް ޑެފިސިޓް މިއަހަރު ބޮޑުވެގެންދިޔައީ ކޯވިޑްގެ ސަބަބުން ކުރަންޖެހުނު ޚަރަދުތައް އިތުރުވެ، ވިޔަފާރިތަކާއި އާއްމުންނަށް އެހީވުމަށް ހިންގި ޕްރޮގްރާމްތަކުގެ ސަބަބުންނެވެ. މާލީ އަހަރުގެ ފުރަތަމަ 11 މަސް ދުވަހުގެ ތެރޭގައި ފެޑެރަލް ސަރުކާރުން 6 ޓްރިލިއަން ޑޮލަރު ޚަރަދުކޮށްފައިވާއިރު، އޭގެ ތެރެއިން 2 ޓްރިލިއަން ޑޮލަރު ޚަރަދުކޮށްފައިވަނީ ކޯވިޑްއާ ގުޅޭ ޕްރޮގްރާމްތަކަށެވެ.

އެމެރިކާގެ ބަޖެޓް ރެކޯޑް މިންވަރަކަށް އިތުރުވެފައިވާއިރު، މިއަހަރު ދެވަނަ ކުއާޓަރުގައި އެޤައުމުގެ އިޤްތިޞާދު ވަނީ 30 އިންސައްތަ މަޑުޖެހިފައެވެ. މިއީވެސް ފަހުގެ ތާރީޙެއްގައި އެއް ކުއާޓަރެއްގައި އެމެރިކާގެ އިޤްތިޞާދު މިހާބޮޑަށް މަޑުޖެހުނު ފުރަތަމަ ފަހަރެވެ. އަދި މާލީ އަހަރު ނިމޭއިރު އެމެރިކާގެ ޖުމްލަ ދަރަނި 26 ޓްރިލިއަން ޑޮލަރަށް އަރާނެކަމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ލަފާކޮށްފައެވެ.