ދުނިޔޭގެ ވިޔަފާރި

އީޔޫއާއި ޗައިނާގެ އިސްވެރިން ވިޔަފާރީގެ މަޝްވަރާއަށް!


ވިޔަފާރިއާއި އިންވެސްޓްމަންޓްތައް ފުޅާކުރުމާއި ގުޅޭގޮތުން ޗައިނާއާއި އީޔޫގެ ވެރިން މަޝްވަރާ ބައްދަލުވުމެއް ބާއްވަން ހަމަޖައްސައިފިއެވެ.

ޚަބަރުތައް ބުނާގޮތުން ޗައިނާއާއި އީޔޫގެ ވެރިންގެ ބައްދަލުވުން އޮންނަނީ އަންނަ ހޯމަދުވަހު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. މިބައްދަލުވުމުގައި ޗައިނާގެ ރައީސް ޝީ ޖިން ޕިން ބައިވެރިވެވަޑައިގަންނަވާއިރު، އީޔޫ ކައުންސިލްގެ ރައީސް ޗާލްސް މިޝެލް، އީޔޫ ކޮމިޝަންގެ ވެރިޔާ އުރްސަލާ ވެންޑޯ އަދި ޖަރުމަންވިލާތުގެ ޗާންސެލަރ އެންގެލާ މާކެލްވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނޭކަމަށް ޚަބަރުތައް ބުނެއެވެ.

މިބައްދަލުވުމަކީ އީޔޫގެ 27 ޤައުމުގެ ލީޑަރުން ބައިވެރިވާ ގޮތަށް ކުރިން ހަމަޖެހިފައި އޮތަސް، މަދު ލީޑަރުންތަކަކާއެކު އޮންލައިންކޮށް ބޭއްވުމަށް ނިންމީ ކޯވިޑްގެ ސަބަބުންކަމަށްވެސް ޚަބަރުތައް ބުނެއެވެ.

މިބައްދަލުވުމާ ގުޅޭގޮތުން ޗައިނާގެ އޮފިޝަލުން ވިދާޅުވީ، އީޔޫއާއެކު ވިޔަފާރީގެ އެއްބަސްވުމަކަށް އައުމަށް މަސައްކަތްކުރާތާ 7 އަހަރެއްހާ ދުވަސްވެފައިވާކަމަށެވެ. އަދި މިއަހަރު ނިމޭއިރު އީޔޫއާއެކު ވިޔަފާރީގެ އެއްބަސްވުމަކަށް ދިއުމަކީ ދުރުކަމެއް ނޫންކަމަށެވެ. ނަމަވެސް އީޔޫގެ އޮފިޝަލުން ވިދާޅުވަނީ ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރުމަށް ގިނަ ހުރަސްތަކެއް އެބަހުރިކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން އެއްބަސްވުމެއް ޤާއިމްކުރެވޭތޯ މަސައްކަތްކުރިނަމަވެސް، ކޮންމެ ކޮންމެކަމަށް އީޔޫއިން އެއްބަސްނުވާނެކަމަށެވެ.

އީޔޫގެ ބައެއް އޮފިޝަލުން ވިދާޅުވީ، ޗައިނާއާއެކު މުހިއްމު މަޝްވަރާތަކެއް މިއަހަރު ކުރިއަށްގެންދެވިފައިވާކަމަށާއި އަދި މިއަހަރު ނިމުމުގެ ކުރިން އެއްބަސްވުމަކާ ހަމައަށް ދިއުމަކީ އެކަށީގެންވާކަމެއްކަމަށެވެ. ނަމަވެސް ޔޫރަޕްގެ ކުންފުނިތަކަށް ޗައިނާގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތައް މިހާރަށްވުރެ ބޮޑަށް އިތުރުކުރަންޖެހޭކަމަށްވެސް އީޔޫގެ އޮފިޝަލުން ވިދާޅުވެއެވެ.