ކުޅިވަރު

ކްލަބް މޯލްޑިވްސް ކަޕް މިއަހަރު ނުބާއްވަން ނިންމައިފި


ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ އަދި އެންމެ ޝަރަފްވެރި ފުޓްސަލް މުބާރާތް ކުލަބު މޯލްޑިވްސް ކަޕް މިއަހަރު ނުބާއްވަން ނިންމައިފިއެވެ.

ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވާ މި މުބާރާތް ފަށަން ފުރަތަމަ ޝެޑިއުލްކުރީ މިއަހަރުގެ އޭޕްރިލް މަހުގެ ހަތްވަނަ ދުވަހަށެވެ. ނަމަވެސް އޭރު ރާއްޖެއިން ކޯވިޑް-19 ގެ ކޭސްތައް ފެންނަން ފެށުމާއެކު މުބާރާތް ފަސްކުރީ ޖޫން މަހަށެވެ. އަދި ޖޫން މަހުވެސް މުބާރާތް ބޭއްވޭނެ މާހައުލެއް ނެތުމުން އޮކްޓޯބަރ މަހަށް މުބާރާތް ވަނީ ރީޝެޑިއުލްކޮށްފައެވެ. ނަމަވެސް ރާއްޖޭގައި މިހާރު ކޯވިޑް-19 ގެ ޙާލަތު އޮތް ގޮތުން ކްލަބް މޯލްޑިވްސް މިއަހަރު ކުރިޔަށް ގެންދެވެން ނެތްކަމަށް ކްލަބް މޯލްޑިވްސްއިން ބުންޏެވެ.

ޕީއެސްއެމްގެ ކުޅިވަރު ވިންދު ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ކްލަބް މޯލްޑިވްސްގެ މެމްބަރު އަޙުމަދު މުރްތަޟާ ބުނީ، މިހާރު މިފެންނަ މަންޒަރުތަކަށް ބަލާއިރު، ކްލަބް މޯލްޑިވްސް ދެން ނުބޭއްވޭނެކަމަށާއި، ދެން ކްލަބް މޯލްޑިވްސް ކަޕް އޮންނާނީ އަންނަ އަހަރުގެ މާރޗް މަހު ކަމަށެވެ. މުރްތަޟާ ބުނީ މި އަހަރު މުބާރާތް ނުބާއްވަން ނިންމީ ވަރަށް ގިނަ ގޮތްގޮތަށް ބެލުމަށްފަހު ކަމަށެވެ. އެގޮތުން މުބާރާތެއް ބާއްވާނަމަ އެ މުބާރާތެއް ފުރިހަމަ ވަނީ ސަޕޯޓަރުންނާއެކު ކަމަށާއި، ސަޕޯޓަރުން ނުލާ މުބާރާތް ބާއްވާނަމަ މުބާރާތުގެ ފެންވަރުވެސް ދަށްވާނެކަމަށެވެ.

މުރްތަޟާ ބުނީ މިދިޔަ ފަނަރަ އަހަރު ކްލަބް މޯލްޑިވްސްގައި ވާދަކުރަމުން އައީ ތިރީސް ދެޓީމު ކަމަށާއި ނަމަވެސް އަންނަ އަހަރު އޮންނަ މުބާރާތުގައި ސާޅީސް ޓީމު މުބާރާތުގައި ވާދަކުރާނެކަމަށެވެ.

މިދިޔަ އަހަރު ބޭއްވި ކްލަބް މޯލްޑިވްސްގެ ޗެމްޕިއަންކަން ޔުނައިޓެޑް ބީއެމްއެލް ހޯދީ ފައިނަލުގައި ވެމްކޯ 1-6 އިން ބަލިކޮށްގެންނެވެ. ވިމެންސް ފުޓްސަލް ފިއެސްޓާގެ ފައިނަލުގައި ޕޮލިސް ކްލަބުގެ މައްޗަށް 4-3 އިން ކުރި ހޯދީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވެ.

މީގެ 14 އަހަރު ކުރިން ވުޖޫދުވި ކްލަބް މޯލްޑިވްސް ކަޕަކީ ރާއްޖޭގެ އޮފީސްތަކާއި ކުންފުނިތަކުން ބޮޑު އުއްމީދަކާއެކު ކޮންމެ އަހަރަކުވެސް ދުރާލާ ތައްޔާރުވަމުން އަންނަ މުބާރާތެކެވެ. މިއަހަރަކީ ފިރިހެން ޑިވިޝަނަށް މި މުބާރާތް ބާއްވާން އޮތް 15 ވަނަ ފަހަރަށް ވާއިރު މިއީ އަންހެން ކުޅުންތެރިންނަށް ހުޅުވާލައިގެން މުބާރާތް ބާއްވާ 11 ވަނަ އަހަރެވެ.