ޚަބަރު

އައްޑޫގެ ބިންތަކުގެ ކުލި އަވަށު އޮފީސްތަކުން ބަލައިގަންނަ ގޮތަށް ހަމަޖައްސައިފި


އައްޑޫގެ ބިންތަކުގެ ކުލި އައްޑޫގެ އަވަށު އޮފީސްތަކުން ބަލައިގަންނަ ގޮތަށް ހަމަޖައްސައިފިއެވެ.

އައްޑޫގެ ސިޓީ ކައުންސިލުން މިކަމާއި ގުޅިގެން ކުރި އިއުލާނުގައި ބުނީ، ލާމަރުކަޒީ ޤާނޫނުގެ 75 ވަނަ މާއްދާއަށް ގެނެވުނު އިސްލާހުގެ ދަށުން ކައުންސިލްތަކަށް ފީ އާއި ކުލި ނެގުމުގެ ބާރު ދީފައިވުމާއިއެކު، ސިޓީތަކުގެ ބިންތަކުގެ ކުލި އެބިމެއް ނިސްބަތްވާ އަވަށެއްގެ އަވަށު އޮފީހުން ބަލައިގަންނަ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ، މީގެ ކުރީން ބިމު ކުލި ދައްކަމުން ދިޔައީ ދައުލަތަށް ލިބޭ އާމްދަނީގެ ގޮތުގައި ސީދާ މީރާއަށް ކަމަށެވެ. ނަމަވެސް މިހާރު މިގެނެވުނު ބަދަލާއިއެކު، ބިމު ކުލި އެބިން ނިސްބަތްވާ އަވަށްތަކުގެ ރައްޔިތުންނަށް އެއަވަށުގައި ތިބެގެން ސެޕްޓެމްބަރ 1 އިން ފެށިގެން ދެއްކޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ. މީގެއިތުރުން ބިމު ކުލި ދެއްކުމުގައި ކޯވިޑް-19އާ ގުޅިގެން ލުއި ދިނުމަށް އެދިފައިވާ ފަރާތްތަކުން، އެފަރާތްތަކުން އެދިފައިވާ މުއްދަތު ހަމަވަންދެން ކުލި ދެއްކުން ފަސް ކޮށްދެވޭނެކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި މީގެކުރިން ދައުލަތުގެ އެކި އިދާރާތަކާއެކު އައްޑޫސިޓީ ކައުންސިލުގެ އިޙްތިޞާޞްގެ ތެރޭގައި ހިމެނޭ ބިންތަކާ ގުޅޭ އެއްބަސްވުންތަކެއް ހަދާފައިވާކަމަށެވެ. އަދި މިހާރު އެއްބަސްވުންތައް ވެސް ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.