މުނިފޫހިފިލުވުން

ބައްޕަގެ ފިޔަވަޅުމަތީ މީރާ - މިފަހަރު "އަކިރިދެމޭ"


މުޙައްމަދު މާޖިދު ނުވަތަ ޢާއްމު ނަމުންނަމަ މެޒޯ މޯޑަކީ ދިވެހި މިއުޒިކް އިންޑަސްޓްރީގައި ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމް ހޯދާފައިވާ ހުނަރުވެރި ފަންނާނެކެވެ.

ވަކިން ޚާއްސަކޮށް ދިވެހި އަމިއްލަ ރާގުގެ ލަވަތައް ޕްރޮމޯޓްކޮށް، ކުރިއެރުވުމުގައި މެޒޯ މޯޑުވަނީ ފާހަގަކޮށްލެވޭ ފަދަ މުހިއްމު މަސައްކަތްތަކެއް ކޮށްފައެވެ. އޭނާގެ ލަވަތަކަކީ މިހާރުވެސް ދިވެހިން ވަރަށް ގިނައިން އަޑުއަހާ މަޤުބޫލު އަދި އެހާމެ މަޝްޙޫރު ލަވަތަކެކެވެ. މެޒޯ މޯޑުގެ އަންހެން ދަރިފުޅު މީރާ މުޙައްމަދު މާޖިދަކީވެސް މިހާރު ދިވެހިންގެ ތެރޭގައި މަޤުބޫލުކަން ހޯދާފައިވާ ކުޅަދާނަ އަންހެން ލަވަ ކިޔުންތެރިއެކެވެ. ތަފާތު ޝޯވތަކުގައި މީރާވަނީ މީގެ ކުރިން އޭނާގެ ބައްޕަގެ ލަވަތަކުގެ ކަވަރ ވަރޝަންތައް ކިޔާފައެވެ. ނަމަވެސް މިފަހަރު މިއޮތީ ތަފާތު ލަވައެކެވެ.

"އަކިރިދެމޭ" މި ލަވައަކީ މެޒޯ ބޭންޑުގެ އެންމެ މަޤުބޫލުވި އެއް ލަވައެވެ. މި ލަވައިގެ ކަވަރ ވަރޝަނެއް އެންމެފަހުން އާއްމުންނަށް އިވިގެންދިޔައީ "މޯލްޑިވިއަން އައިޑަލް" ސީޒަން އެކެއްގައި ލައިޝާ ޖުނައިދުގެ އަޑުންނެވެ. 2016 ވަނަ އަހަރު އިވިގެންދިޔަ އެ ލަވައަށްވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވެއެވެ. އައިޑަލްގެ ގްރޭންޑް ފިނާލޭގައި ފުރަތަމަ ސީޒަން ކާމިޔާބުކުރުމަށްފަހު ލައިޝާ އޭނާގެ ސެލެބްރޭޝަން ސޯންގެއްގެގޮތުގައިވެސް ޝޯވގައި ކިޔާފައިވަނީ ހަމަ މި ލަވައެވެ.

ދުވަސްތަކެއްފަހުން މީރާގެ ލަވައެއް އާއްމުންނާއި ހަމައަށް ދޫކޮށްލާފައިވާއިރު، މިފަހަރު މީރާ ކިޔާފައި ވަނީ އޭނާގެ ބައްޕަގެ "އަކިރިދެމޭ" މި ލަވައިގެ ކަވަރ ވަރޝަނެކެވެ. މިފަހަރުގެ ލަވަ ޚާއްސަވަނީކީ ހަމައެކަނި އެއީ އޭނާގެ ބައްޕަ ކިޔާފައިވާ ލަވައަކަށް ވާތީކީ ނޫނެވެ. މިއީ މީރާވެސް ނިސްބަތްވާ "ސްކައިރޮކް" ބޭންޑުގެ މެމްބަރުންނާއެކު އޭނާ ކިޔާފައިވާ ހިތްގައިމު ކަވަރ ވަރޝެނެކެވެ.

މި ލަވަ އެންމެ ބޮޑަށް ޚާއްސަވެގެންދާ ސަބަބަކީ މިއީ އެ ބޭންޑުގެ މަޤުބޫލުކަން އާއްމުންގެ މެދުގައި އިތުރުކުރުމަށްޓަކާ "ލޮކްޑައުން ކަވަރސް"ގެ ނަމުގައި ގެނެސްދޭން ފަށާ ލަވަ ސީރީޒްގެ ފުރަތަމަ ލަވައަށްވާތީއެވެ.

މި ލަވައާއި ގުޅޭގޮތުން ސްކައިރޮކް ބޭންޑުގެ މެނޭޖަރ އަދި ބޭންޑުގެ ޑްރަމަރ ފައިޒާން ބުނީ، "ލޮކްޑައުން ކަވަރސް"ގެ ނަމުގައި ކުރިން އަޑުއިވިފައިވާ ލަވަތަކެއްގެ ކަވަރ ވަރޝަންތަކެއް އާއްމުންނާއި ހަމައަށް ގެނެސްދިނުމުގެ އެންމެ ބޮޑު ބޭނުމަކަށްވީ، އެ ބޭންޑުގެ ފުރަތަމަ ލަވަ އަލްބަމް ރިލީޒްކުރުމުގެ ކުރިން ބޭންޑަކީ ކޮބައިކަން އާއްމުންނަށް އަންގައިދިނުންކަމަށެވެ.

"އަސްލު މީގެ ބޭނުމަކަށްވީ ދިވެހިންގެ ތެރޭގައި ކުރިން މަޤުބޫލުވެފައި ހުރި ލަވަތަކެއް އަހަރުމެން ބޭންޑުގެ ރަހަތަކާއެކު ގެނެސްދޭން. ކަވަރ ވަރޝަންތައް ކުޅުމަކީ އާއްމުކޮށް ވަރަށް ގިނަ ބޭންޑުތަކުން ކުރާކަމެއް. އެހެންވެ އަހަރުމެން ބޮޑަށް ބެލީ، ކުރީގެ މަޝްހޫރު، އެކަމު ކަވަރގެ ގޮތުގައި އެހާބޮޑަށް އިވިފައިނުވާ ލަވަތަކެއް ގެނައުމަށް. މި ލަވަވެސް ތައްޔާރުކޮށްފައި އޭނީ އަސްލު ލަވައިގެ ފީލް އެހާ ބޮޑަށް ގެއްލުވާނުލާ، އެކަމު ބޭންޑުގެ ސްޓައިލްވެސް ހިމަނާފައި" ފައިޒާން ބުންޏެވެ.

"އަކިރިދެމޭ"ގެ ސްކައިރޮކް ވަރޝަންގައި ލީޑް ވޯކަލިސްޓެއްގެ ގޮތުގައި ލަވަ ކިޔާފައިވަނީ މީރާއެވެ. ބެކިން ވޯކަލްސްގެ ގޮތުގައި ފަފޫއާއި ޙުސެއިންގެ އަޑު އިވިގެންދެއެވެ. ލަވައިގެ މިކްސިންގ އަދި މާސްޓަރިން ހަދާފައިވަނީ ޙުސެއިންއާއި، މިރާޙެވެ. ކޯވިޑް-19ގެ މި ޙާލަތާ ގުޅިގެން ގިނަ ބަޔަކު އެއްވެގެން މަސައްކަތް ކުރުމަކީ އެހާ ރައްކާތެރިކަމަކަށްނުވާނެތީ، މި ލަވަ ޝޫޓުކޮށްފައިވަނީ ބޭންޑުގެ މެމްބަރުން ވަކިވަކިން އެމީހަކު ހުރި ތަނެއްގައެވެ. މި ލަވަވެސް ހިމެނޭހެން 3 ލަވައެއް ޝޫޓްކޮށް ނިންމާލާފައިވަނީ އެންމެ 3 ދުވަހުން ކަމަށް ފައިޒާން ބުންޏެވެ. އަދި ލަވައިގެ ވީޑިއޯގެ ކަންކަން ފުރިހަމަކުރުމުގައި ނާޝިއުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނުކަން އޭނާ ފާހަގަކުރިއެވެ. މި ލަވައިގެ ކަވަރ ވަރޝަނެއް ހެދުމަށްޓަކާ ކޮޕީރައިޓްސް ހުއްދަ މެޒޯ މުޙައްމަދު ދިންކަމަށްޓަކާ އެ ބޭންޑުންވަނީ އެކަން ފާހަގަކޮށް، މެޒޯ މުޙައްމަދަށް ޝުކުރު އަދާކޮށްފައެވެ.

ފައިޒާން ބުނީ، އެ ބޭންޑުގެ ފަރާތުން "ލޮކްޑައުން ކަވަރސް"ނަމުގައި ކުރިއަށްގެންދާ މި ސީރީޒްގައި ކޮންމެ ދެ ހަފްތާއަކުން ކަވަރ ލަވައެއް އާއްމުކުރާނެކަމަށެވެ. އަދި މި ކަވަރ ލަވަތަކުގެ ފުރަތަމަ ވޮލިއުމްގައި 3 ލަވައެއް ހިމެނޭއިރު، ދެވަނަ ވޮލިއުމްގައި 6 ލަވައެއް ހިމެނޭނެކަމަށްވެސް ފައިޒާން ބުންޏެވެ.

"މީހުންނަށް މިހާރުވެސް އެނގޭ، ވަރަށް މަޤުބޫލު ލަވަތަކެއްގެ ކަވަރ ވަރޝަންތަކެއް ކުރިއަށް ހުރީވެސް. ބޮޑަށް މި ބަލަނީ މަޤުބޫލު އެހެންނަމަވެސް ކަވަރ ވަރޝަންތައް އެހާބޮޑަށް ގެނެސްފައިނުވާ ލަވަތަކަށް. ހަމަ ވީޑިއޯއާއެކު އެ ލަވަތައްވެސް އަންނާނީ" ފައިޒާން ބުންޏެވެ.

ސްކައިރޮކްގެ "ލޮކްޑައުން ކަވަރސް" ސީރީޒްގެ ފުރަތަމަ ލަވަ "އަކިރިދެމޭ"

ސްކައިރޮކްއިން ނެރުމަށް ތައްޔާރުވާ އެމީހުންގެ ފުރަތަމަ އަލްބަމާގުޅޭގޮތުން ވާހަކަދައްކަމުން ފައިޒާން ބުނީ، އަލްބަމަށް ބޭނުންވާ ހުރިހާ ލަވަތަކެއްވެސް މިހާރު ރިކޯޑްކޮށް ނިމިފައިވާކަމަށެވެ.

މި އަލްބަމުގެ ލަވަތައް އެންމެ ފުރަތަމަ ރިކޯޑް ކުރަން އެމީހުން ނިންމީ އައި.ޓީ.ބީ ފެއަރގައި ބައިވެރިވުމަށް ލިބުނު ފުރުޞަތުގައި ޖަރުމަނުވިލާތުގައި ކަމަށާއި، އެކަމަށްޓަކާ ސްޓޫޑިއޯވެސް އެ ބޭންޑުން ބުކްކުރިކަމަށް ފައިޒާން ބުންޏެވެ. ނަމަވެސް ކޯވިޑް-19ގެ ސަބަބުން އެ ދަތުރު ކެންސަލްވުމުން، އަލްބަމުގެ މަސައްކަތް ލަސްކުރަން އިތުރަށް ބޭނުންނުވާތީ، ފަހުން އެ މަސައްކަތްކޮށްފައިވަނީ ރާއްޖޭގައިކަމަށް އޭނާ ބުންޏެވެ.

ފައިޒާން ބުނީ، ސްކައިރޮކްގެ ފުރަތަމަ އަމިއްލަ އަލްބަމް ރިލީޒްކުރުމަށް ގަސްތުކޮށްފައިވަނީ 2021 ވަނަ އަހަރުގެ މެދެއްހާތާނގައިކަމަށެވެ. އަދި އެކަމަށްވާންޖެހޭ ތައްޔާރީތައް ބޭންޑުގެ ތެރޭގައިވަމުންދާކަމަށެވެ. އޯޑިއޯ ލަވަތަކެއްގެ މައްޗަށް ތައްޔާރުކޮށް ނެރޭ މި އަލްބަމް ރިލީޒްކުރުމަށްފަހު، އަލްބަމުގައި ހިމެނޭ ލަވަތަކުގެ ވީޑިއޯ ވަކިވަކިން އާއްމުކުރާނެކަމަށްވެސް ފައިޒާން ބުންޏެވެ.

ސްކައިރޮކްގެ ފުރަތަމަ އަލްބަމުގައި ހިމެނޭ ލަވައެއް އެ ބޭންޑުން ވަނީ މޯލްޑިވިއަން އައިޑަލްގެ ސީޒަން 3 ގެ ގްރޭންޑް ފިނާލޭގައި ކުޅެފައެވެ. "ސަމުގާ"ގެ ނަންދީފައިވާ މި ލަވަވެސް ކިޔާފައިވަނީ މީރާއެވެ. 2018 ވަނަ އަހަރު އާއްމުވެގެންދިޔަ މި ލަވައަށްވެސް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

ސްކައިރޮކްގެ "ސަމުގާ" މޯލްޑިވިއަން އައިޑަލް ސީޒަން 3 ގެ ގްރޭންޑް ފިނާލޭގައި ޕަރފޯމްކުރަނިކޮށް

"ސްކައިރޮކް" މި ބޭންޑަކީ 2017 ވަނަ އަހަރު އުފެދުނު ބޭންޑެކެވެ.

6 މެމްބަރުންގެ މައްޗަށް އެކުލެވޭ މި ބޭންޑުގައި މީރާގެ އިތުރުން ފިރިހެން ވޯކަލިސްޓަކާއި، ޑްރަމަރއަކާއި، ލީޑް ގިޓަރިސްޓަކާއި، ބޭސް އަދި ކީބޯޑަށް ޚާއްސަ މެމްބަރަކު އުޅެއެވެ. މި ބޭންޑަކީ ރާއްޖޭގެ މިއުޒިކީ ދުނިޔެއަށް އައު ނަމަކަށްވިޔަސް، ބޭންޑުގެ މެމްބަރުންނަކީ މިއުޒިކީ ދާއިރާއާއި އެހާ ބީރަށްޓެހި ބައެއް ނޫނެވެ. ބޭންޑުގެ ބައެއް މެންބަރުން މިއުޒިކް އިންޑަސްޓްރީގައި މަސައްކަތް ކުރާތާ 15 ވަރަކަށް އަހަރުވެދާނެއެވެ.

ޢާމްދަނީ ހޯދުމަށް ބޭންޑުން ރިސޯޓް މިއުޒިކް ކުޅެމުންދިޔަކަމުގައިވިޔަސް ރެގިއުލަރ ގިގްސްތަކާއި، އައު އަހަރު ފާހަގަކުރުމަށް ބާއްވާ ގިގްސްތަކުގައިވެސް ސްކައިރޮކްއިން އަންނަނީ ޕަރފޯމްކުރަމުންނެވެ. އެ ބޭންޑަކީ ފެށުނީންސުރެ ދިވެހިވަންތަ މިއުޒިކަށާއި، އަމިއްލަ ރާގަށް ޚާއްސަ އަހައްމިއްޔަތުކަމެއްދޭ ބޭންޑެއްކަމަށް ފައިޒާން ބުންޏެވެ. އަދި އެ ބޭންޑުގެ އަމާޒަކީވެސް އަމިއްލަ ރާގުގެ ލަވަތައް ޕްރޮމޯޓްކުރުންކަމަށް އޭނާ ބުންޏެވެ.