ސިޔާސީ

ތަރައްޤީ ގެނެވޭނީ ހަރުދަނާ ލީޑަރުން އުފައްދައިގެން - ރައީސް


ޤައުމު ބިނާކޮށް ރައްޔިތުން ބޭނުންވާ ތަރައްޤީ މިޤައުމަށް ގެންނަން ބޭނުންނަމަ ހަރުދަނާ ލީޑަރުން އުފައްދަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، 2018ގެ ރިޔާސީ އިންތިހާބަށް ކެމްޕެއިން ލީޑަރުން ތަމްރީންކުރުމަށް ޕީ.ޕީ.އެމުން ފަށާފައިވާ މަހާސިންތާގެ ފުރަތަމަ ބުރު ނިންމާލުމަށް ރޭ ތާޖުއްދީން ސްކޫލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ، ހަރުދަނާ ލީޑަރުން މިޤައުމުގައި އުފައްދަންޖެހޭކަމަށާއި، އެކަންކުރެވޭނީ ސިޔާސީ ޕާޓީތަކުން އެއް ރޫހެއްގައި މަސައްކަތްކޮށް ރައްޔިތުން ބަލައިގަންނަފަދަ މަންދޫބުން ޤައުމުގެ ކުރީ ސަފަށް ނެރެގެން ކަމަށެވެ. އަދި ޕީ.ޕީ.އެމުން ސަރުކާރާއި ހަވާލުވިފަހުން ރައްޔިތުންނަށް ދައްކަމުން މިދަނީ އެ މަންޒަރުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުން ވެފައިވާ ވަޢުދުތައް ފުންދަމުންދާ މިންވަރަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޕީ.ޕީ.އެމުން ސަރުކާރާއި ހަވާލުވީ ވަރަށްވެސް އުއްމީދީ މެނިފެސްޓޯއަކާއެކުގައި ކަމަށެވެ. އެގޮތުން ތަރައްޤީގެ އެންމެ ކުދި ކުދި މަސައްކަތްތަކުން ފެށިގެންގޮސް، މާލެ ހުޅުލޭ ބްރިޖާއި، އައިހެވަން މަޝްރޫޢުގެ އިތުރުން އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުން ފަދަ ބިޔަ މަޝްރޫޢުތަކުގެ ފޮނި މީރުކަން މިހާރު ރައްޔިތުންނަށް ލިބެމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެހެންމެ ޒުވާނުން ބާރުވެރިކުރުވާ، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދުގެ ދަށުން، 50،000 ވަޒީފާ އުފެއްދި، 42،000 ވަޒީފާއަށް ޒުވާނުން ވައްދާފައިވާކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ 5 އަހަރުގެ ދައުރު ނިމޭއިރު، ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް 94،000 ވަޒީފާ އުފައްދަވާނެކަމަށްވެސް ރައީސް ޔާމިން ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ޔާމިން ވިދާޅުވީ، ޕީ.ޕީ.އެމްއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށާއި، މި މަހާސިންތާގެ ސަބަބުން، 2018ގެ ރިޔާސީ އިންތިހާބަށް ކެމްޕެއިން ފެއްޓުމުގެ ކުރިންވެސް ޕީ.ޕީއެމް އޮންނާނީ ރައްޔިތުންނާއި ގުޅިފައިކަމަށެވެ. އަދި މިއަހަރު ނިންމެންވާއިރަށްވެސް އެޕާޓީއަށް އެތައްހާސް މެމްބަރުންނެއް އިތުރުވުން އެއީ އެމަނިކުފާނުގެ އަމާޒުކަމުގައިވެސް ރައީސް ޔާމިން ވިދާޅުވިއެވެ.ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ އިސްނެގެވުމުގެ މަތިން ރައީސް ޔާމިންގެ ކެމްޕެއިން އޮފީހުން އިސްނަގައިގެން ކުރިއަށްދިޔަ މި މަހާސިންތާގެ ފުރަތަމަ ބުރުގައި ރާއްޖޭގެ 12 ސަރަހައްދަކުން 337 މަންދޫބުން ވަނީ ބައިވެރިވެފައެވެ. 3 ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ ކެމްޕެއިން ލީޑަރުން ތަމްރީން ކުރުމުގެ މަހާސިންތާގައި، ލީޑަރޝިޕްގެ އެކިކަހަލަ ހުނަރުތަކާއި، ކެމްޕެއިން ކުރުމުގައި ބޭނުންކުރާނެ އުކުޅުތައް އަދި މުއާމަލާތްކުރުމުގެ ހުނަރު ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތުދީފައިވެއެވެ.