ސިޔާސީ

ޤަނޫނީ ވަކީލު މަހްފޫޒަށް ދިން ހަމަލާ ރައީސް ކުށްވެރިކުރައްވައިފި


ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޤާނޫނީ ވަކީލު، މަހްފޫޒު ސައީދަށް ބަޔަކު މީހުން ތޫނު އެއްޗަކުން ދިން ހަމަލާ، ރައީސް ޔާމިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވަފައިފިއެވެ. އެމަނިކުފާނު މިކަން ކުށްވެރިކުރެއްވީ 2018 ގެ ރިޔާސީ އިންތިޚާބަށް ކެމްޕެއިން ލީޑަރުން ތަމްރީންކުރުމަށް ޕީ.ޕީ.އެމުން ފަށާފައިވާ މަހާސިންތާގެ ފުރަތަމަ ބުރު ނިންމުމަށް ހޮނިހިރު ދުވަހުގެ ރޭ ތާޖުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޔާމިން ވިދާޅުވީ، ޤާނޫނީ ވަކީލު މަހްފޫޒަށް ހަމަލާދިން ޚަބަރު އެމަނިކުފާނަށް ލިބިވަޑައިގެންނެވުމާއެކު، ވަރަށް ފުން އަސަރެއް ކުރެއްވި ކަމަށާއި، އެފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް ސަރުކާރުން ކުރެވެންހުރި ހުރިހާކަމެއް ކުރައްވާނެކަމަށެވެ.އެފަދަ އަމަލުތައް ކުރާ ފަރާތްތަކަށް ހައްޤު އަދަބުދީ، އަނިޔާވެރި އަމަލުތަކުން މި ދިވެހި މުޖުތަމަޢު ސަލާމަތް ކުރުމަށް ސަރުކާރުން މަރުގެ ހުކުމް ތަންފީޒުކުރައްވާނެކަމަށް ވިދާޅުވާ ވިދާޅުވުން މިރަސްމިއްޔާތުގައި ވެސް ރައީސް ޔާމިން ވަނީ ތަކުރާރު ކުރައްވާފައެވެ. ރައީސް ޔާމިން ވިދާޅުވީ، ރާއްޖޭގައި ސިޔާސީ ހަލަބޮލިކަން އުފެއްދުމަށް މަސައްކަތް ކުރުމަށް ވުރެ، ޒިންމާދާރު ކަމާއެކު ސިޔާސީ ޕާޓީތަކުން ހަރަކާތްތެރިވާންޖެހޭކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ މަސައްކަތްތައް ބައްޓަންކުރަންޖެހޭނީ ރައްޔިތުން ބަލައިގަންނަ، އިތުބާރު ހިފޭފަދަ ގޮތަކަށް ކަމަށާއި، ޤައުމުގެ ހަމަޖެހުން ނަގާލައި، މިޤައުމު ހަލާކުގެ ތެރެއަށް ވައްޓާލަން މަސައްކަތް ކުރުމަކީ އެއްވެސް ސިފައެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.