ސިޔާސީ

ރައީސް ޔާމީނަށް ކެމްޕެއިން ކޮށްދިނުމުގެ ޤަރާރެއްގައި ސޮއިކޮށްފި


2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީންއަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކޮށްދިނުމުގެ ޚާއްސަ އިޤްރާރެއްގައި ޕީ.ޕީ.އެމްގެ އެކި ގޮފިތަކަށް ނިސްބަތްވާ 337 ކެމްޕެއިން ލީޑަރުން މިއަދު ސޮއިކޮށްފިއެވެ. މިއީ ޕާޓީގެ ގޮފިތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް، 2018 ރިޔާސީ އިންތިޚާބަށް ކެމްޕެއިންގެ ފޯރިއިތުރު ކުރުމުގެ މަޤުސަދުގައި ސޮއިކުރެވުނު ޤަރާރެއްކަމަށް ރައީސް ޔާމިންގެ ކެމްޕެއިން އޮފީހުން މައުލޫމާތުދެއެވެ. 2018 އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކެމްޕެއިން ލީޑަރުން ތަމްރީން ކުރުމަށް ޕީ.ޕީއެމުން ފަށާފައިވާ މަހާސިންތާގެ ފުރަތަމަ ބުރު މިހާރު ވަނީ ނިމިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ އިސްނެންގެވުމުގެ މަތިން، ރައީސް ޔާމިންގެ ކެމްޕެއިން އޮފީހުން އިންތިޒާމްކޮށްގެން ތާޖުއްދީން ސްކޫލްގައި ކުރިއަށްދިޔަ މިމަހާސިންތާގެ ފުރަތަމަ ބުރުގައި ރާއްޖޭގެ 12 ސަރަހައްދަކުން 337 މަންދޫބުން ބައިވެރިވެފައިވެއެވެ. 3 ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މި މަހާސިންތާގެ ފުރަތަމަ ބުރުގައި 22 ލެކްޗަރައިން ތަފާތު އެކި ސެޝަންތަކުގައި މައުލޫމާތުދީފައިވާއިރު، މީގެ ތެރޭގައި ޚާރިޖީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކާއި، ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންވެސް ހިމެނިވަޑައިގަންނަވާކަމަށް ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން މައުލޫމާތުދެއެވެ. މަހާސިންތާގެ ފުރަތަމަ ބުރާއި ގުޅޭގޮތުން ވާހަކަދައްކަވަމުން، މަހާސިންތާގެ މީޑީޔާ ކޯޑިނޭޓަރ، ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުޢާޒް އަލީ ވިދާޅުވީ، މަހާސިންތާއަށް ހީނުކުރާވަރުގެ ތަރުހީބެއް ޕީ.ޕީ.އެމްގެ އަތޮޅުތަކުގެ ގޮފިތަކުން ލިބިގެންދިޔަކަމަށެވެ. އަދި މި މަހާސިންތާގެ އަލީގައި ކެމްޕެއިން ކުރުމުގައި ބޭނުންކުރަންޖެހޭ މުހިއްމު އުކުޅުތަކާއި ގުޅޭގޮތުން ޢިލްމީގޮތުން ވަރަށް މުއްސަނދި މައުލޫމާތުތަކެއް ބައިވެރިންނަށް ފޯރުކޮށްދެވުނުކަމަށެވެ.ރައީސް ޔާމީންއަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކުރުމަށް މަހާސިންތާގެ ބައިވެރިންގެ މެދުގައި ޚާއްސަ އިޤްރާރެއްގައިވެސް ވަނީ ސޮއިކޮށްފައެވެ. މި އިޤްރާރާއި ގުޅޭގޮތުން އިތުރު މައުލޫމާތު ދެއްވަމުން ރައީސް ޔާމިންގެ ކެމްޕެއިން އޮފީހުގެ ފަރާތުން ވާހަކަދައްކަވަމުން ފާތުމަތު ޒައިނާ ވިދާޅުވީ، މި ޤަރާރުގައި މައިގަނޑު ހަތް ކަމެއްގެ މައްޗަށް ބަލާލާފައިވާކަމަށެވެ. އޭގެ ތެރޭގައި ސަރުކާރުގެ ސިޔާސަތުތަކާއި ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތުދީ، ހޭލުންތެރިކުރުވުމުގެ އިތުރުން، ސަރުކާރުގެ މަޝްރޫޢުތައް ޕްރޮމޯޓްކޮށް، ރައްޔިތުންގެ މެދުގައި ޕާޓީގެ މަޤުބޫލުކަން އިތުރުކުރުން ހިމެނޭކަމަށް ޒައިނާ ވިދާޅުވިއެވެ.މި މަހާސިންތާއާއި ގުޅޭގޮތުން ޕީ.އެސް.އެމްއާއި ވާހަކަދެއްކި ބައިވެރިން ބުނީ މިފަދަ މަހާސިންތާއެއްގެ ސަބަބުން، ކެމްޕެއިން ކުރުމުގައި ވިސްނަންޖެހޭ ކަންތައްތަކާއި، ޕާޓީގެ ސިޔާސަތުތައް ހާމަކޮށް، ޕާޓީ ޕްރޮމޯޓްކުރުމުގައި ރައްޔިތުންނަށް މައުލޫމާތުދީ، މުއާމަލާތްކުރާނެ ތަފާތު ގޮތްތައް ދަސްވެގެންދިޔަކަމަށެވެ.3 ބުރަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަހާސިންތާގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ ދިހައަކުން ބާރައަށްކަމަށް ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން މައުލޫމާތުދެއެވެ.