ކުޅިވަރު

އެފްއޭއެމްގެ އެކްޓިން ޓެކްނިކަލް ޑިރެކްޓަރަކަށް އަހުމަދު ޝަރީފް


ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޓެކްނިކަލް ޑިރެކްޓަރު ކަމުގެ މަގާމުން އިނގިރޭސި ވިލާތުގެ ޖުޑާން އަލީ ވަކިކޮށް އެކްޓިން ޓެކްނިކަލް ޑިރެކްޓަރަކަށް އަހުމަދު ޝަރީފް ހަމަޖައްސައިފިއެވެ.

މިދިޔަ ޑިސެމްބަރު މަހު މަގާމާއި ހަވާލުވި ޖުޑާން މަގާމުން ވަކިކުރީ މުސާރައިގެ މައްސަލަތަކެއް ދިމާވެ އެކަން ކޮޅެއްގައި ނުޖެހުމުންނެވެ. އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒް ވިދާޅުވީ، ބޮޑު މުސާރައެއް ހަމަޖައްސައި ޓެކްނިކަލް ޑިރެކްޓަރަކަށް ޖުޑާން ގެނައީ ސްޕޮންސާއެއްގެ ދަށުން ކަމަށެވެ. ނަމަވެސް ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން އެ ސްޕޮންސާ ލިބުން ހުއްޓުމާއި ގުޅިގެން ޚަރަދުކުޑަކުރުމުގެ ގޮތުން ޖުޑާންގެ މުސާރަ ކުޑަކުރަން މަސައްކަތް ކުރިކަމަށެވެ. ނަމަވެސް ގިނަ މަޝްވަރާތަކަށް ފަހުވެސް އެއްބަސްވުމަކަށް ނާދެވުމުން ޖުޑާން މަގާމުން ވަކިކުރީ ކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ވިދާޅުވިއެވެ.

މައުލޫމާތި ލިބިފައިވާ ގޮތުގައި އެފްއޭއެމްއިން މަސައްކަތްކުރީ ޖުޑާންގެ މުސާރަ ދެބައިކުޅަ އެއްބައި ކުޑަކުރުމަށެވެ. ނަމަވެސް އެފްއޭއެމްއިން މިހާތަނަށްވެސް އޭނާއަށް ދެމުންއައި މުސާރަ ހާމަކޮށްފައެއްނުވެއެވެ. ބައެއް މީޑިއާ ރިޕޯޓްތަށް ބުނާގޮތުން އޭނާއަށް ދެމުން އައިސްފައިވަނީ މަހަކު 9000 ޑޮލަރުގެ މުސާރައެކެވެ.

ޖަވާޒް ވިދާޅުވީ، ޖުޑާން މަގާމުން ވަކިކުރުމަށްފަހު މަގާމަށް އަލުން މީހާކު ގެންނަން އެއްވެސް ފަރާތަކާއި މަޝްވަރާ ކުރަމުން ނުދާ ކަމަށާއި، ނަމަވެސް ވަގުތީގޮތުން ޓެކްނިކަލް ޑިރެކްޓަރުގެ ޒިންމާ އުފުލަމުންދަނީ އަހުމަދު ޝަރީފް ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ޖުޑާން މަގާމުން ވަކިކުރުމަށްފަހު ނިންމަންޖެހޭ ބައެއް ކަންކަން ނިންމުމުގެ މަސައްކަތް ކަމަށާއި، މިވަގުތު އެކްޓިން ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި ޚަރަކާތްތެރިވާނީ އަހުމަދު ޝަރީފްކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖުޑާން މިހާރު އަންނަނީ ގާނާގެ ފުޓުބޯޅަ އެސޯސިއެޝަންގެ މަގާމަކާއި ހަވާލުވުމަށް އެގައުމުގެ އެފްއޭއާއި މަޝްވަރާތަށް ކުރަމުންނެވެ.