ކުޅިވަރު

ހެންރިކް ލާސަން ބާސާގެ ކޯޗިން ޓީމާއި ގުޅިއްޖެ


ބާސެލޯނާގެ ކުރީގެ ފޯވާޑް ހެންރިކް ލާސަން އެކުލަބުގެ ކޯޗިން ޓިމާއި ގުޅިއްޖެއެވެ.

ބާސެލޯނާއިން މިހާރުވަނީ އެކަން ކަށަވަރުކޮށްދީފައެވެ. 2004 އިން 2006 ވަނަ އަހަރަށް ބާސާ އާއެކު ކާމިޔާބީތައް ހޯދާފައިވާ ކުރީގެ ފޯވާޑް ލާސަން އެކުލަބާ ގުޅުނީ ދެއަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ލާސަންއާއެކު ހޮފެންހަމްގެ ކުރީގެ ހެޑްކޯޗް އަލްފްރެޑް ސްޗެރޫޑާވެސް ވަނީ ބާސެލޯނާގެ ކޯޗް ކޫމަންގެ އެސިސްޓަންޓެއްގެ ގޮތުގައި ކުލަބާއި ގުޅިފައެވެ.

ބާސެލޯނާގެ އައުކޯޗް ރޮނާލްޑް ކޫމަން އާއެކު މީގެ ކުރިންވެސް ލާސަން ވަނީ މަސައްކަތް ކޮށްފައެވެ. އެއީ ކުޅުންތެރިންގެ ގޮތުގައި 1995 އިން 1997 އަށް ފެޔަނޫޑުގައެވެ. އަނެއްކޮޅުން ދެމީހުންނަކީވެސް ކުޅުންތެރިންގެ ގޮތުގައި ބާސެލޯނާގައިވެސް ކާމިޔާބީތަށް ހޯދާފައިވާ ދެމީހުންނެވެ. އެގޮތުން ލާސަން ވަނީ ބާސާގައި ހޭދަކުރި ތިން ސީޒަންގައި ޗެމްޕިއަންސް ލީގު އެއްފަހަރު، ސްޕެނިޝް ލަލީގާ ދެފަހަރު އަދި ސުޕަ ކަޕް އެއްފަހަރު ކާމިޔާބުކޮށްފައެވެ.

ބާސެލޯނާގެ ކޯޗުކަމުން ކީކޭ ސެޓިއެން މަގާމުން ވަކިކޮށް އައުކޯޗަކަށް ރޮނާލްޑް ކޫމަން ހަމަޖައްސައި ޓީމު އަލުން ރީފޯމް ކުރުމުގެ މަސައްކަތް ކުލަބުން ފަށާފައިވަނީ މިފަހަރުގެ ސީޒަން ހުސްއަތާ ނިންމާލަންޖެހި ޗެމްޕިއަންސް ލީގު މުބާރާތުން ލަދުވެތި ގޮތަކަށް ކެޓުމުންނެވެ.