ކުޅިވަރު

ކޮލިފައިން މެޗުތަށް އަންނަ ޖެނުއަރީމަހަށް ފަސްކޮށްފި


އޮކްޓޫބަރަށް ޝެޑިއުލްކުރި ނަމަވެސް ފަސްކޮށްފައިވާ ފީފާ ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފައިންގައި ގައުމީ ޓީމު ކުޅެން ޖެހިފައިހުރި ބާކީ މެޗުތައް ކުޅޭނީ އަންނަ ޖެނުއަރީ މަހު ކަމަށް ފީފާއިން ހަމަޖައްސައިފިއެވެ.

މި ގޮތުން ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާއިން ނިންމާފައިވަނީ ޖެނުއަރީ މަހުގެ 24 އިން ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހާދެމެދު މެޗުތައް ކުޅުމަށެވެ.

ރާއްޖެ ކޮލިފައިންގައި ކުޅެންޖެހާ ބާކީ އަދި ތިން މެޗު އެބައޮތެވެ. އެއީ މާލޭގައި ފިލިޕީންސާއެކު ކުޅެންޖެހޭ މެޗާއި ގައުމުން ބޭރުގައި ޗައިނާ އާއި ފިލިޕީންސާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ. މި މެޗުތައް އެތާރީހުގައި ނުކުޅެ ފަސްކުރީ ކޮވިޑް19ގެ ސަބަބުންނެވެ.

މި މެޗުތަކަށް ގައުމީ ޓީމު ޕްރެކްޓިސް ފެށީ ނަމަވެސް މިހާރު ވަނީ މެދުކަނޑާލައިފައެވެ.

އޭއެފްސީން މިހާރު ނިންމާފައިވަނީ މި އަހަރުގެ ތެރޭގައި ކުލަބު މުބާރާތްތައް ނިންމުމަށެވެ. އެއީ 16 އަހަރުންދަށާއި 19 އަހަރުންގެ މުބާރާތާއި އޭއެފްސީ ކަޕާއު ޗެމްޕިއަންސް ލީގެވެ. މީގެ ތެރެއިން ދިވެހި ދެ ޓީމު ކަމަށްވާ މާޒިޔާ އާއި ޓީސީ ކުޅެންޖެހޭ އޭއެފްސީ ކަޕުގެ މެޗުތައް ކުޅެން މިހާރު ނިންމާފައިވަނީ މާލޭގައެވެ.

މި މެޗުތަކަށް މާޒިޔާ އާއި ޓީސީ ފަރިތަކުރަން ފެށިނަމަވެސް ކޮވިޑް19ގެ ސަބަބުން ޕްރެކްޓިސް ވަނީ މެދުކަނޑާލައިފައެވެ. ނަމަވެސް ބަންގްލަދޭޝަގެ ޗެމްޕިއަން ބޮޝުންދުރަ ކިންގް މިހާރު ވަނީ އިއްޔެ ޕްރެކްޓިސް ފަށައިފައެވެ. ނަމަވެސް އިންޑިޔާގައި ކޮވިޑް ހަލުވިކަމާއެކު ފެތުރެމުންދާތީވެ އެ ގައުމުގެ ޗެންނާއީ އެފްސީ އަދި ޕްރެކްޓިސް ނުފަށައެވެ.