 
										
			ޢާއްމުގޮތެއްގައި އަބަދުވެސް އަޑުއިވެނީ މީހަކު ހާޓު އެޓޭކެއް ޖެހިގެން އުޅޭ ވާހަކައެވެ. ނުވަތަ އެފަދަ މީހަކަށް ފަރުވާދޭ ވާހަކައެވެ. އެހެން ނޫނީ މީހަކު ހާޓް އެޓޭކެއް ޖެހިގެން މަރުވި ވާހަކައެވެ. ހާޓު އެޓޭކޭ ބުނުމުން ޢާއްމުކޮށް ވިސްނިފައި އޮންނަނީ ހިތް ހުއްޓުނީކަމަށެވެ. ހިތް ހުއްޓެން މެދުވެރިވާ ސަބަބުތައް ދެނެގަނެ ދުޅަހެޔޮ ހިތެއް ހޯދުމަށް މަސައްކަތްކުރާ މީހުންގެ ޢަދަދު މަދުކަން އެނގޭ އެންމެ ބޮޑު އެއް ހެއްކަކީ ހާޓް އެޓޭކް ޖެހޭ ނިސްބަތް އިންތިހާއަށް އިތުރުވުމެވެ.
މެއަށް ތަދުވުމާއި ހާޓް އެޓޭކްގެ އެހެނިހެންވެސް ޢަލާމަތްތަކަކީ ޢާއްމުގޮތެއްގައި ދިވެހިންވެސް ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ދެކޭ އެހެންނަމަވެސް ބޮޑު ނުރައްކަލުގެ އިންޒާރުތައްކަމުގައި ދިވެހި ޑޮކްޓަރުންވެސް ފާހަގަކުރައްވައެވެ. 
ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ ޢަދަަދަކަށް މީހުން މަރުވަނީ ހިތުގެ ބަލިތަކުގައިކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވިދާޅުވެއެވެ. އެގޮތުން ހިތުގެ ބަލިތަކުގެ ތެރޭގައި އަހަރަކު ގާތްގަނޑަކަށް 17.9 މިލިއަން މީހުން މަރުވާކަމަށް ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުތަކުން ދައްކާއިރު މީގެތެރެއިން ކޮންމެ 5 މަރަކުން 4 މީހަކު މަރުވަނީ ހާޓް އެޓޭކް އަދި ސްޓްރޯކް ޖެހިގެންކަމަށް ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުތަކުން ދައްކައެވެ. 
ރާއްޖޭގައިވެސް ހާޓު އެޓޭކް ގިނަވަމުން އަންނަކަން ޑޮކްޓަރުން ފާހަގަކުރައްވައެވެ. ދުނިޔޭގެ ނިސްބަތުން ޢުމުރުން ދުވަސްވީ މީހުންނަށް ހާޓް އެޓޭކް ޢާއްމުކަމަށް ތަފާސްހިސާބުތަކުން ދެއްކިނަމަވެސް ހާޓް އެޓޭކް ދިވެހިންގެ ތެރޭގައި ގިނަވަމުން އަންނަނީ ޒުވާނުންގެ މެދުގައިކަމަށް ރާއްޖޭގެ ޑޮކްޓަރުން ފާހަގަކުރައްވައެވެ.
		
			ހާޓް އެޓޭކް ޖެހެނީ ހިތަށް ބޭނުންވާ ލޭ އަދި އޮކްސިޖަން ނުލިބުމުގެ ސަބަބުންނެވެ. އެގޮތުން ހިތަށް ލޭ ފޮނުވާ ލޭ ހޮޅިއެއްތެރޭގައި ކުޑަކުޑަ ލޭކޮޅެއް ގަނޑުވެ ލޭ ދައުރުވުން ހުއްޓުމާއި ގުޅިގެންވެސް ހާޓް އެޓޭކެއް ޖެހިދާނެއެވެ. އަދި ލޭ ހޮޅިތަކުގައި ސަރުބީއާއި ލޯޑެންސިޓީ ލިޕޯޕްރޮޓިންސް ނުވަތަ ބޭޑް ކޮލެސްޓްރޯލްގެ ސަބަބުން ލޭ ހޮޅިތައް ހިމަވެ ލޭ ނުވަތަ ހިތަށް ބޭނުންވާ އޮކްސިޖަން ފޮނުވައިދިނުމަށް ހުރަސްއެޅުމުގެ ސަބަބުންވެސް ހާޓުއެޓޭކް ޖެހިދާނެއެވެ. 
ލޭ އަދި އޮކްސިޖަން ދައުރުނުކުރުމުގެ ސަބަބުން ހިތުގެ އެލޭހޮޅިއެއް ނިސްބަތްވާ ސަރަޙައްދުގެ މަސްތައް މަރުވާން ފަށައެވެ. އެހެންކަމުން ހާޓްއެޓޭކެއްގެ އަލާމާތްތައް ފެނުމާއެކު ވީއެންމެ އަވަހަކަށް ހޮސްޕިޓަލަކަށް ނުވަތަ ސިއްޙީ ފަރުވާ ދޭ ތަނަކަށް ދިޔުމަށް އަވަސްވެގަތުމަށް ޑޮކްޓަރުން ލަފާދެއްވައެވެ. ސަބަބަކީ އެފަދަ ޢަލާމާތްތައް އެއީ ހާޓު އެޓޭކެއްގެ ސަބަބުން ކުރިމަތިވާކަމެއްނަމަ ހިތުގެ މަސްތައް ސަލާމަތްކޮށް ފުރާނަ ސަލާމަތްކުރުމުގެ ފުރުސަތު ބޮޑުކުރެވޭނީ ހާޓް އެޓޭކެއްޖެހުމުން އަވަސް ފަރުވާދެވިގެންކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.   
		
 
										
			ހާޓް އެޓޭކު ޖެހުމުގެ ސަބަބުތައް ދެބަޔަކަށް ބެހިފައިވެއެވެ. އެގޮތުން އިންސާނާގެ އިޚުތިޔާރުން ބޭރުގައިވާ ކަންކަމާއި އަމިއްލަ އިޚުތިޔާރުގައި ކުރާކަންކަން ހިމެނެއެވެ. އެގޮތުން ނަފުސުގެ ކޮންޓްރޯލް ނެތް ހާޓްއެޓޭކަށް މަގުފަހިވާ ކަންކަމުގެ ތެރޭގައި ޢުމުރުން ދުވަސްވުމާއި ޢާއިލާގައި ހިތުގެ މައްސަލަ ހުންނަ މީހުން ތިބުން ހިމެނެއެވެ. 
ކޮންޓްރޯލްގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދިރިއުޅުމުގެ އާދަކާދަ އާއި ގުޅިފައިވާ ކަންކަމެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލުކުރުމާއި ހެލިފެލިވެ ހުރުމާއި ކަސްރަތުކުރުމާއި ދުރުހެލިވުމާއި ހަށިގަނޑު ހުންނަންޖެހޭ މިންވަރަށްވުރެ ފަލަވުން ހިމެނެއެވެ. 
މީގެ އިތުރުން ބައެއް ބަލިތަކުގެ ސަބަބުންވެސް ހާޓްއެޓޭކް ޖެހުމަށް މަގުފަހިވެއެވެ. އެގޮތުން ލޭ މައްޗަށް ދިޔުމާއި ކޮލެސްޓްރޯލް މަތިވުމާއި ހަކުރު ބަލީގެ މައްސަލަ ހުންނަ މީހުންނަށް ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ސިއްޙީ މާރިހުން ވިދާޅުވެއެވެ. ހާސްވެ ކަންބޮޑުވާ ފަދަ މާޙައުލެއްގައި އުޅުމަކީވެސް ހާޓްއެޓޭކަށް މަގުފަހިވާކަމެކެވެ. މީގެއިތުރުން ހަމައެއާއެކު ހަމަ ނިދި ނުލިބުމަކީވެސް މިނުރައްކަލަށް ހުށައެޅިގެންދާކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ.
		
 
										
			މެއަށް ތަދުވުން: ޢާއްމު ގޮތެއްގައި ހާޓްއެޓޭކެއް ޖެހުމުން މެއަށް ތަދެއް އަރާ މެއަށް ބާރުވެ އުދަނގުލެއްވާކަމުގެ އިހުސާސްކުރެވޭނެކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. އަދި މޭގަނޑު ފިތޭ ފަދަ ގޮތެއް އިހުސާސްވާނެކަމަށްވެސް ވިދާޅުވެއެވެ. އެގޮތުން މޭގެ މެދަށް ނުވަތަ ވައަތްފަޅިއަށް މިތަދު އިހުސާސްކުރެވޭނެއެވެ. ކުޑަވަގުތުކޮޅަށް ތަދުވެފައި އަލުން ތަދު އަނބުރާ އަންނަ ގޮތަކަށް ތަދު އިހުސާސްކުރެވޭނެކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. އެކި މީހުންނަށް މެއަށް އަރާތަދު ތަފާތުވެދާނެކަމަށާއި ބައެއް މީހުންނަށް ވަރަށް އާދައިގެ ތަދެއް އިހުސާސްވުމުގެ ސަބަބުން ހާޓް އެޓޭކްފަދަ ބޮޑުކަމެއްގެ ނިޝާނެއްގެ ގޮތުގައި ގިނަބަޔަކަށް ޤަބޫލެއް ނުކުރެވެއެވެ. 
ހަށިގަނޑުގެ ބައެއް ހިސާބުތަކަށް ތަދުވުން: 
ހަށިގަނޑުގެ ބައެއް ހިސާބަށް ދަތުރުކުރާ ތަދެއް ހާޓް އެޓޭކް ޖެހޭވަގުތުގައި އިހުސާސްކުރެވިދާނެކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. އެގޮތުން ވައަތުގައި ރިއްސާކަމަށް ޤަބޫލުކުރެވިފައި ވީނަމަވެސް މިރިއްސުން ދެއަތުގައިވެސް ރިއްސަފާނެކަމަށް ދިރާސާތަކުން ދައްކައެވެ. މިތަދު ކޮލުގެ ކަށިގަނޑާއި ކޮނޑާއި ކަރާއި ކަނދުރާގެ އިތުރުން ބުރަކަށީގައިވެސް ހުރެދާނެކަމަށްވެއެވެ.
ވަރުބަލިވެ އަނބުރައިގަންނަ ގޮތްވުން: ވަރުބަލިކަން އިހުސާސްކުރެވި ބޯއަނބުރައިގަނެގެން ވެއްޓުން ނުވަތަ ވެއްޓެން އުޅޭ ކަމުގެ އިހްސާސްވެސް ވެދާނެކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. 
ދާހިއްލުން: ދާހިއްލުމަކީ ހޫނުވުމުން، ނުވަތަ ކަންބޮޑުވެ ބިރުގަތުމުން ވާކަމެކެވެ. އެހެން ނަމަވެސް ދާހިއްލުމަކީވެސް ހާޓުއެޓޭކެއް ޖެހުމުން ފެންނަ އަލާމާތެކެވެ. 
ނޭވާ ކުރުވުން: ނޭވާކުރުވަނީ މަސައްކަތެއްކޮށް ވަރުބަލިވުން، ދުވުން ފުންމުން ފަދަ ކަންކަމުންނެވެ. އެހެން ނަމަވެސް ސަބަބެއްނެތި ކުއްލިއަކަށް ނޭވާ ކުރުވެ ނޭވާލާން ދަތިވުމަކީ، ހާޓު އެޓޭކެއްގެ އަލާމާތެވެ.
މޭނުބައިކޮށް ހޮޑުލެވުން: ޢާއްމުގޮތެއްގައި މިއީ އަންހެނުންގެ މެދުގައި ޢާއްމު ހާޓު އެޓޭކްގެ ޢަލާމާތެއްކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ.
މިފަދަ ކަމެއް ނުވަތަ ގިނަ އަލާމާތްތަކެއް އެއްފަހަރާ ފެނިއްޖެނަމަ ވީއެންމެ އަވަހަކަށް ހޮސްޕިޓަލުގެ އިމަރޖެންސީއަށް ދާންޖެހެއެވެ. ނޭނގިނަމަވެސް ހާޓު އެޓޭކެއްޖެހިފައި ހުރެދާނެކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. އެގޮތުން ހިނގާފައި އީއާރަށް އަންނަ ބައެއް މީހުންގެ ފަރާތުން ޢަލާމާތްތައް ފެނިގެން ތަހުލީލުކުރާއިރު ހާޓްއެޓޭކެއް ޖެހިފައި ހުންނަ ކޭސްތައް ފެނިފައިވާކަމަށް ރާއްޖޭގެ ހޮސްޕިޓަލުތަކުންވެސް މަޢުލޫމާތު ދެއްވައެވެ. 
		
			
ދިރިއުޅުމުގެ އާދަކާދަތައް ބައްޓަންވަމުން އަންނަގޮތުގެ ސަބަބުން ސިއްޙަތަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން އަދުގެ ސައިންސްގެ އަލީގައި ފެންނަން އެބައޮތެވެ. ނުރައްކާތެރި ބަލިތައް އިތުރުވުމާއި ބޮޑެތި ފަރުވާދޭންޖެހޭ ބަލިތައް އިތުރުވަމުން އަންނަ އިރު މީގެ ތެރޭގައި ހާޓު އެޓޭކް އިތުރުވަމުން އަންނަކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ތަފާސްހިސާބުންވެސް އޮތީ ފެންނާށެވެ. މިކަން ދިވެހިންގެ ތެރޭގައިވެސް ޢާއްމުވަމުން އަންނަކަމުގެ އިންޒާރު ޑޮކްޓަރުން ދެއްވާއިރު މިކަމަށް ސަމާލުކަން ދޭންވަނީ ޖެހިފައެވެ.