ދުނިޔޭގެ ވިޔަފާރި

އެމެޒޯންއިން އިންޑިއާގައި އޮންލައިން ފާމަސީގެ ޚިދުމަތް ފަށައިފި


އެމެރިކާގެ އެމެޒޯން ކުންފުނިން އިންޑިއާގައި އޮންލައިންކޮށް ފާމަސީގެ ޚިދުމަތް ދޭން ފަށައިފިއެވެ.

އިންޑިއާގައި އޮންލައިންކޮށް ބޭސް ވިއްކުން ނުވަތަ އޮންލައިން ފާމަސީގެ ޚިދުމަތް ފަށާފައިވާއިރު، މިޚިދުމަތް ފުރަތަމަ ދޭނީ ބެންގަލޫރުގައެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު ސިޓީތަކުގައިވެސް މިހިދުމަތް ފެށުމަށް އެމެޒޯންއިން ދަނީ ތައްޔާރުވަމުންނެވެ.

އެމެޒޯންއިން އިންޑިއާގައި އޮންލައިންކޮށް ބޭސް ވިއްކަން ފަށާފައިވާއިރު، ކޯވިޑްއާ ގުޅިގެން އެޤައުމުގައި އޮންލައިން ފާމަސީގެ ޚިދުމަތް ދަނީ ވަރަށް ބޮޑަށް ފުޅާވަމުންނެވެ.

އެމެޒޯންއިން ބުނީ މިޚިދުމަތުގެ ސަބަބުން ގޭގައި ތިބެގެން ބޭނުންވާ ބޭހެއް ހޯދުމަށް ވަރަށް ބޮޑަށް ފަސޭޙަވެގެންދާނެކަމަށެވެ.

އޮންލައިން ފާމަސީގެ ޚިދުމަތަށް އެމެޒޯންއިން ފުރަތަމަ ފަށާފައިވަނީ 2017 ވަނަ އަހަރު އެމެރިކާގައެވެ. އަދި އޭގެފަހުން އެމެޒޯންއިން ވަނީ އިނގިރޭސިވިލާތް، އޮސްޓްރޭލިއާ އަދި ކެނެޑާގައި މި ޚިދުމަތް ފަށާފައެވެ.

އޮންލައިން ފާމަސީގެ ޚިދުމަތް އެމެޒޯންއިން އިންޑިއާގައި ފަށާފައިވާއިރު، އެކުންފުނިން ދަނީ އިންޑިއާގައި އެތައް ބިލިއަން ޑޮލަރެއް އިންވެސްޓްކުރަމުންނެވެ. އެގޮތުން 6.5 ބިލިއަން ޑޮލަރު މިހާތަނަށް އިންވެސްޓްކޮށްފައިވާއިރު، އަދިވެސް އިތުރަށް އިންވެސްޓްކުރަން އެމެޒޯންއިން ތައްޔާރުވަމުންނެވެ.