ވިޔަފާރި

ޝިޕިންގ އެޖެންޓުން އާދިއްތަ ދުވަހުގެ ކުރިން ރަޖިސްޓްރީވާންޖެހޭނެ


ޝިޕިން އެޖެންޓުކަން ކުރަންބޭނުންވާ ފަރާތްތަކުން މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީވާން ޖެހޭނެކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވެއްޖެއެވެ.

ކަސްޓަމްސްއިން ވިދާޅުވީ، ދިވެހިރާއްޖޭގައި ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުގެ މަތިން މިމަހުގެ 16 ވަނަ ދުވަހުގެ ފަހުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީނުކޮށް އެއްވެސް ފަރާތަކުން ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދިނުމަކީ މަނާކަމެއްކަމަށެވެ. އެހެންކަމުން އުޅަނދު ފަހަރުގެ އޭޖުންޓުންގެ ގޮތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ރަޖިސްޓްރީކޮށް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން، 16 އޮގަސްޓުގެ ކުރިން، ގަވާއިދުގައިވާ ގޮތަށް، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ލިޔުން ކަސްޓަމްސްއަށް ހުށަހެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ހާއްސަ ލައިސަންސެއް ނަގައިގެން ނޫނީ ވިޔަފާރި ބަނދަރުތަކުގައި ޝިޕިންގ އޭޖެންޓުކަން ނުކުރެވޭގޮތަށް ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދު މިދިޔަމަހު ވަނީ ގެޒެޓްކޮށްފައެވެ.

ދިވެހިރާއްޖޭގައި ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދުގެ ދަށުން އޭޖެންސީގެ ޚިދުމަތްދޭ ކުންފުނިތަކުން 30 ދުވަހުގެ ތެރޭގައި މޯލްޑިވްސް ޓްރާސްޕޯޓް އޮތޯރިޓީގައި ރަޖިސްޓްރީކުރަން ވަނީ އަންގާފައެވެ. ރަޖިސްޓްރީވުމަށް ދިން 30 ދުވަހުގެ މުއްދަތު މިމަހުގެ 16 ވަނަ ދުވަހަށް ހަމަވާނެއެވެ.

މިތާރީހުގެ ކުރިން ޝިޕިންގ އޭޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކުން ޓްރާންސްޕޯޓު އޮތޯރިޓީގައި ރަޖިސްޓަރ ކުރަންޖެހޭއިރު، އޮންލައިންކޮށް ރަޖިސްޓްރީވެވޭނެ އިންތިޒާމްވެސް އެ އޮޓޯރިޓީން ވަނީ ހަމަޖައްސައިދީފައެވެ.

ޤަވާއިދު ކުރިން އޮންނަ ގޮތުން އިކޮނޮމިކް މިނިސްޓްރީގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކޮންމެ ކުންފުންޏަކަށް ޝިޕިން އެޖެންޓުންގެ ގޮތުގައި ވަކި ހާއްސަ ލައިސަންސަކާއި ނުލާ ހަރަކާތްތެރިވެވޭނެއެވެ. މިއީ ބައިނަލްއަޤްވާމީ ގޮތުން މިކަން އޮންނަ ގޮތެއް ނޫންކަމަށް ބުނެ ޝިޕިންގ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވީ 17 އޮގަސްޓުން ފެށިގެން އައު ގަވައިދާ އެއްގޮތަށް ޝިޕިންގ އެޖެންޓުން ނުވަތަ ފުރައިޓު ފޯވާޑަރުން އަމަލުކުރަމުން ގެންދޭތޯ ބަލަމުން ގެންދާނެކަމަށެވެ. އަދި ގަވާއިދާ ޚިލާފުވާ ފަރާތްތައް 10 ހާސް ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި ތަކުރާރުކޮށް ޤަވާއިދާ ހިލާފުވާނަމަ އެޖެންސީއަށް ދޫކޮށްފައިވާ ހުއްދަ ބާތިލް ކުރާނެކަމަށް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.