ޚަބަރު

ކޯވިޑް-19 : އިތުރު މީހަކު ރޭ ދަންވަރު ނިޔާވެއްޖެ


ކޯވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެއެވެ. ހެލްތް އެމްރަޖެންސީ އޮޕރޭޝަން ސެންޓަރުން ވިދާޅުވީ ރޭ ދަންވަރު މި ބަލީގައި ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުން ދިޔަ އުމުރުން 61 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ.

މީ މިބަލީގައި ރާއްޖެއިން ނިޔާވި 22 ވަނަ މީހާއެވެ. މިއާއެކު މިހާތަނަށް މިބަލީގައި ނިޔާވި ދިވެހިންގެ ޢަދަދު ވަނީ 16 އަށް އަރާފައެވެ. އަދި ބިދޭސީން 6 މީހަކުވަނީ ނިޔާވެފައެވެ.

ރޭ އައިޖީއެމްއެޗަށް ގެންދިޔައިރު ނިޔާވެފައިވާ އުމުރުން 83 އަހަރުގެ ފިރިހެނަކުވެސް މި ބައްޔަށް ޕޮޒިޓިވްވެފައިވާކަން އެޗްއޯސީން ރޭ ވަނީ ހާމަކޮށްފައެވެ. އަދި މި ބަލީގައު ފަރުވާދެމުންދިޔަ ދެމީހަކު މިދިޔަ އަންގާރަ ދުވަހާ ބުދަދުވަހުވެސް ވަނީ ނިޔާވެފައެވެ.

މި މަސް ފެށުނު ފަހުން މި ބަލީގައި މިހާތަނަށް 6 މީހަކު ނިޔާވެފައިވާއިރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. މިހާރުވެސް 156 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ ޢަދަދު އިތުރުވާނަމަ ނިޔާވާ މީހުންގެ ޢަދަދުވެސް އިތުރުވާނެކަމުގެ ކަންބޮޑުވުން ޑޮކްޓަރުން ވަނީ ފާޅުކުރައްވާފައެވެ.

ކޯވިޑް ބައްޔާއި ގުޅިގެން އިއުލާންކުރި ފުރަބަންދަށްފަހު ލުއިތައް ދިނުމުން މިބަލި ޖޭހޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. މި ގޮތުން މިމަސް ފެށުނު ފަހު މިހާތަނަށް ރާއްޖެއިން 1701 ( އެއްހާސް ހަތްސަތޭކަ އެއް ) މީހުންނަށް ވަނީ މި ބަލިޖެހިފައެވެ. މީގެތެރެއިން 1222 ( އެއްހާސް ދުއިސައްތަ ބާވީސް ) މީހުންނަކީ ދިވެހިންނެވެ.

ކޯވިޑް-19ގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު ނިޔާވެފައިވަނީ އޭޕްރީލް މަހުގެ 29ވަނަ ދުވަހުއެވެ. އެއީ 83 އަހަރުގެ އަންހެނެކެވެ. މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެތެރޭގައި ގިނައިން ހިމެނެނީ ޢުމުރުން ދުވަސްވީ މީހުންނެވެ. މީގެތެރޭގައިވެސް އެހެން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން އިތުރެވެ.

ރާއްޖޭގައި މިހާތަނަށް 5،494 މީހަކަށް ކޯވިޑްޖެހިފައިވާއިރު މީގެތެރެއިން 2,553 މީހަކު އަންނަނީ ފަރުވާ ހޯދަމުންނެވެ. މި ބަލިން ރަނގަޅުވެފައިވަނީ 2،920 މީހުންނެވެ. މި ބަލި މާލޭގައި ފެތުރެމުން އަންނައިރު ރާއްޖޭގެ އެހެން ރަށްތަކުންވެސް މި ބަލީގެ މީހުން އަންނަނީ ފެންނަމުންނެވެ.